ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ހުރަސްއެޅި ކަމަށް ބުނެ އިދިކޮޅުން ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އިމްތިޔާޒު މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.
މި މައްސަލަ ބޭރުކޮށްލާފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން ހުސައިން ވިދާޅުވީ ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.
ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ހުސެއިން ވިދާޅުވި އެވެ.
"(ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމުގައި) މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް،" ހުސެއިން ވިދާޅުވި އެވެ.
މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމަށް ގޮތެއް ނުނިންމައި ކުރިއަށް ނުދެވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވިއެވެ. އެކަމަކު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވީ އެ މައްސަލަ ކޮމެޓީއަށް ނުފޮނުވޭނެ ކަމަށެވެ.