މޫނުން އޮށާޅަ ބިހި ނެގުމަކީ ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކަށް މެދުވެރިވާ ކަމެކެވެ. މި މައްސަލަ ގޯސްވެ މީހުންގެ ތެރެއަށް ނުކުންނަން ލަދުގަންނަ ހިސާބަށް ވެސްދެ އެވެ.

އޮށާޅައަކީ މޫނު ތެޔޮ ވުމުން ދިމާވާ މައްސަލަ އެކެވެ. އެހެން ކަމުން މޫނު ތެޔޮވިޔަ ނުދީ ގެންގުޅުމަކީ އެކަމަށް އޮތް އެންމެ ބޮޑު ހައްލެވެ. މި ބަލާލަނީ މިކަމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަަމަށެވެ.

މޫނު ދޮވުން

ގިނަ ގިނައިން މޫނު ދޮންނަން އާދަކުރާށެވެ. ނަމަވެސް ވިސްނަންވީ ތަންކޮޅަކީ، އޮށާޅައަކީ، މޫނު ހިރަފުސްވެ ކިލާވުމުން ދިމާވާ މައްސަލައަކަށް ނުވުމުން، މޫނު ދޮންނައިރު އަބަދުވެސް އެންޓިބެކްޓީރިއާ ސައިބޯންޏެއް ނުވަތަ ފޭސްވޮޝް އެއް ބޭނުންކުރުމަށެވެ.

ރަނގަޅު ކްރީމްއެއް މޫނުގައި އުނގުޅުން

ބައެއް ބްރޭންޑްތަކުގެ ފޭސްކްރީމް އަކީ އޭގައި ގްރީސް ހިމެނޭ އުފެއްދުންތަކެވެ. އެގޮތުން ވެސްލިން އަދި ކޮކޯ ބަޓަރ ފަދަ ކްރީމްތައް މޫނުގައި އުނގުޅުމުން މޫނު ތެޔޮ ވުމަށް މެދުވެރިވެ އެވެ. އެހެންކަމުން މޫނުގައި އުނގުޅާ ކްރީމްތައް ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފައާއެކު މޫނާ ގުޅޭ ބާވަތެއްގެ ކްރީމް އެއް ހޯދާށެވެ.

ކެއުމުގައި ފަތްޕިލާވެލި ބޭނުން ކުރުން

ކެއުމުގައި ފެހި ކުލަ ގަދަ ފަތް އަދި ލުނބޯ ބޭނުންކުރުމަކީވެސް މޫނުގައި އޮށާޅަނެގުމުން ދުރުކޮށްދޭނެ ކަމެކެވެ. އެގޮތުން މުރަނގަ ފަތަކީ، އޭގައި ހިމެނޭ ވިޓަމިން އަދި މިނަރަލްސްގެ ސަބަބުން މޫނުގެ ހަންގަނޑު ތެޔޮވުމުން ދުރުކޮށްދީ ހަންގަނޑުގެ ކުރަކިކަންވެސް ފިލުވައިދޭ ފަތެކެވެ