ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6. 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވީ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ، އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާތީ ކަމަށެވެ. އަދި އެހެންވެ މައްސަލަ އަލުން މުރާޖައާކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

"މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް، މައްސަލަ ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފަ އެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އެ މީހުންގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ގެންދިޔައީ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ތަކެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާޢްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށެވެ.

އެހެންކަމުން ޕީޖީން ވަނީ، އަލީ ވަހީދު އެނބުރި ރާއްޖެ އައުމުން އަލުން ހުށަހެޅުމަށް އަންގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މައްސަލަ އަނބުރާ ފުލުހަށް ފޮނުވާފަ އެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ގެނައުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެ އެވެ.

ދާދި ފަހުން ރައީސް ސޯލިހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އަލީ ވަހީދާއެކު ހުންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިެވ އެވެ.