ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރުމަކީ ގާނޫނު އިސްލާހު ކޮށްގެން ކުރެވޭނެ ކަމެއް ކަމަށާ ގާނޫނު ނުކޮށް އެލަވަންސް ބޮޑު ކުރުމުން ސަރުކާރުން ބޭނުން އިރަކު ހުއްޓާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީ 3000 ރުފިޔާއަށް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މިހާރު ދެމުން އަންނަ އެލަވަންސް 50 އިންސައްތަ، ޖޫން މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކުރައްވާފަ އެވެ. އަދި ހާލަތަށް ރިއާޔަތްކޮށް ޖުމްލަ 6000 ރުފިޔާ އާ ހަމައަށް އިތުރު އިނާޔަތްތަކެއް ދިނުމަށް އުސޫލެއް އާއްމުކުރެވިގެންދާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މެމްބަރު އުޝާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރުމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ، އެގާނޫނު އިސްލާހުކުރުމަށް 2019 ވަނަ އަހަރު އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީސް ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާނޫނު އިސްލާހު ނުކޮށް އެލަވަންސް ދިނުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކަރުން ބޭނުން ކޮންމެ އިރަކު އެލަވަންސް ދިނުން ހުއްޓާލެވޭނެ ކަމަށެވެ. އެލަވަންސް ބޮޑު ކުރުމުގައި ސަރުކަރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދިޔައީ 2000 ރުފިޔާގެ އިނާޔަތެކެވެ. އެ އަދަދު 3000 ރުފިޔާއަށް ބޮޑުކޮށް ކެޓަގަރީތަކަކަށް ބަހާލައިގެން އިތުރު އިނާޔަތްތެކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އަލަށް ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުފިޔާގެ އެލަވަންސެއް ދެން ލިބޭނެ އެވެ.