ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އެ ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އޮފީހުން ނިންމައި ދައުވާތައް އަނބުރާ ގެންދިޔުން އެއީ އެފަދަ ކުށްތައް ކުރާ މީހުންނަށް ދިން އިތުރު ހިތްވަރެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ބުނެފި އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރީ، ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާތަކެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީށް މައުމޫންގެ އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމަކީ އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެ މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާ ކަމެއް ކަމަަށެވެ.
އެންމެ ފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދާ ކަމަށާ، އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ޝަރީއަތުގެ މަރުހަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ގާނޫނާއި ގަވާއިދުތައް ހެދިފައިވީ ނަމަވެސް ޖިންސީ ގޯނާ އާއި ރޭޕްގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކު ކަމަށްވެސް އެމްއާރުއެމް އިން ބުނެ އެވެ. އަދި މަދު ފަހަރަކު ޝަރީއަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ގާނޫނާއި ގަވާއިދުތައް ހެދުމަކީ އެއްވެސް މަގުސަދެއް ހާސިލް ވާނޭ ކަމެއް ނޫންކަމަށްވެސް އެމްއާރުއެމް އިން ބުނެޏެވެ.
މިފަދަ މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދައުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާކަން ފާހަގަވާ ކަމަށްވެސް އެބަޔާނުގައި ވެ އެވެ.
އެހެންވީމާ އަލީވަހީދުގެ މައްސަލާގައިވެސް އެގޮތައް ކަންހިނގާފައި ވުމަކީއެކަށީގެންވާ ކަމެއް ކަމަށްވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބުނުކަން ފާހަގަކުރެވެއެވެ.
އެމައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާޢްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށެވެ.
އެހެންކަމުން ޕީޖީން ވަނީ، އަލީ ވަހީދު އެނބުރި ރާއްޖެ އައުމުން އަލުން ހުށަހެޅުމަށް އަންގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މައްސަލަ އަނބުރާ ފުލުހަށް ފޮނުވައިފަ އެވެ.
އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނުއިރު އޭނާ ހުންނެވީ ޖޭޕީގެ ސްލެޓެއްގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށެވެ.