ކަޅު ކޮފީ ނުވަތަ އެހެނިހެން ހިތި ރަހަ ދޭ ކާބޯތަކެއްޗަށް ލޯބި ކުރާ މީހުންގެ ކިބައިގައި ރުޅިގަދަ މީހުންގެ ސިފަތައް ހުންނަ ކަމަށް އޮސްޓްރިއާގައި ހުންނަ ޔުނިވަސިޓޯ އޮފް އިންސްބްރަކްގެ ދިރާސާއަކުން ދައްކައިފި އެވެ.
އެޕެޓައިޓް ޖަނަލްގައި މީގެ ދެ އަހަރު ކުރިން ޝާއިއުކޮށްފައިވާ މި ދިރާސާގައި 1000 މީހުން ބައިވެރިކޮށްފައިވާ އިރު އެމީހުންނަށް އެންމެ ކަމުދާ ރަހައިގެ އިތުރުން ނާސިސިޒަމް، ސައިކޯޕާތީ، ސޭޑިޒަމް އަދި އެގްރެޝަން ފަދަ ޕާސަނަލިޓީ ޓެސްޓްތައް ހަދާފައިވެ އެވެ.
މި ދިރާސާއިން އިތުރަށް ހާމަވެފައިވާ ގޮތުގައި ކިރު އަޅަގައިގެންނާއި ފޮނިކޮށް ކޮފީ ބޯ މީހުންނަކީ ހިތްހެޔޮ އަދި އެކަކު އަނެކަކަށް އަޅާލާ މީހުންނެވެ.
ސައިންސްވެރިން ބުނާގޮތުން ހިތި ކޮށް ކޮފީ ބޯމީހުންގެ ކިބައިގައި ހުންނަ ސައިކޯޕެތިކް ކަންތައް "ކްރޮނިކް" ކަންތަކަށް ބަދަލުވެދާނެ ކަމަށާއި ދުވަސްވާ ވަރަކަށް ގޯސް ވެސް ވެދާނެ ކަމަށެވެ.
މި ދިރާސާގެ ނަތީޖާތައް މިހެން ދެއްކި ކަމުގައި ވިޔަސް ހިތި ކާއެއްޗެހި ކެއުމުން މީހާގެ އުޅުމަށް ބަދަލު އަންނަނީ ކޮން ސަބަބަކާ ހެދިކަމެއް ދެނެގަނެވިފައެއް ނުވެ އެވެ.
މިގެ އިތުރުން ވިސްނާލަންޖެހޭ އަނެއް ކަމަކީ އަހަރެމެންނަށް ތަފާތު ރަހަތައް ކަމުދިޔުމުގައި އަހަރެމެން އުޅެ ބޮޑުވާ މާހައުލު ބޮޑު ދައުރެއް އަދާކުރާ ކަމެވެ. އަދި އަހަރެމެންނަށް ކަމުދާ ރަހަތައް އުމުރާއެކީ ބަދަލުވެސް ވާކަމެވެ.
ކަޅު ކޮފީ ބޯ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސިއްހަތަށް ވެސް ވަރަށް ބަލައިގެން އުޅޭ މީހުންނެވެ. ކޮފީއަކީ އެހެން އެއްޗަކާ އެއްކޮށްފައި ނުހުންނަ އިރު ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.