ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި އެކުދިންގެ ސީދާ ބައިވެރިވުން އޭގައި އެކުލެވެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ބަނޑޮސް މޯލްޑިވްސްގައި "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޑަކުދިންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމުމުގެ މަރުހަލާތަކުގައި އެކުދިންގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި މެޑަމް ފަޒްނާ ވަނީ ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ހޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. އެކަމަނާ ވަނީ ރީޖަނަލް ކޮންސަލްޓޭޝަނުން ޒުވާނުންނާއި އަދި ކުޑަކުދިންނަށް ހިޔާލު ހޯދުމުގެ ސެޝަނެއް ބާއްވަވާދެއްވާފައި ވާތީ އެކަމަށް ތަޢުރީފުކުރައްވާފަ އެވެ.

ފަޒްނާގެ ވާހަކަފުޅުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ހައްގުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ސީއާރްސީ)ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި ކުރިއެރުންތައް އެގޮތުގައި ހިފެހެއްޓުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އެކުދިން ހޭލުންތެރިކުރުވުމާއި އެކުދިންނަށް ލިބިފައިވާ ހައްގުތަކުގެ ބޭނުން ހިފުމުގައާއި އަދި އެފަދަ ހައްގެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެހީތެރިކަން ހޯދާނެގޮތްތައް ކުދިންނަށް ބުނެދިނުމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. ހަމަ އެހެންމެ، އެކަމަނާ ވަނީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މުޖުތަމަޢުން އަދާކުރާ ދައުރުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމުޢިއްޔާތަކުން އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ކުޑަކުދިންނަކީ މުސްތަގްބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްގީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ"ގައި ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ.

މި ކޮންފަރެންސަކީ މި ގައުމުތަކުގެ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ހިއްސާކުރުމާއި އަދި މި ސަރަޙައްދުގެ އޮގަނައިޒޭޝަންސްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.