ކެނެޑާ (10 ޖެނުއަރީ) - ކެނެޑާގައި ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، އިތުރު ރާޅެއްގެ ބިރާއެކު އެގައުމުގައި ލޮކްޑައުން އިއުލާންކޮށް، ރައްޔަތުން ގޭގައި ޗުއްޓީއަށް ނުގޮސް ތިބުމަށް އެންގުމަށްފަހު ކެބިނެޓް މިނިސްޓަރުން ޗުއްޓީއަށް ދިޔަކަން ފަޅާއަރައި ރައްޔިތުން ރުޅިގަދަވެއްޖެ އެވެ.

ކެނެޑާގެ ކޮވިޑް ކޭސްތައް ގިނަވާން ފެށުމާއެކު މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެ ގައުމުގައި ވަނީ ލޮކްޑައުން ފިޔަވަޅުތައް ވަރުގަދަކޮށް ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފަ އެވެ. ކެނެޑާގެ ރައްޔަތުންނަށް އެގައުމުގެ ހެލްތް އޮފިޝަލުންނާއި، މިނިސްޓަރުން ވަނީ ގޭގައި މަޑުކޮށްގެން ތިބުމަށާއި ޗުއްޓީއަށް އާއިލާ ކައިރިއަށް ދާން ބޭނުންވެފައި ތިބި އެތަކެއް ހާސް ރައްޔަތުން އެ މީހުންގެ ދަތުރުތައް ކެންސަލްކޮށް ދަތުރުކުރުން ހުއްޓާލުމަށް އެދި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މެސެޖް ފޮނުވާފަ އެވެ.

ކެނެޑާގެ މީޑިއާތަކުން ބުނިގޮތަގައި ރައްޔިތުންނަށް އޮޅުވާލައި، ވަރަށް ގިނަ ސިޔާސީ ފަރާތްތަކާއި، މިނިސްޓަރުންނާއި، ހެލްތް އޮފިޝަލުން ވަނީ އެ މީހުންގެ އާއިލާ ގޮވައިގެން އަގުބޮޑު ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން ގޮސްފަ އެވެ.

މިނިސްޓަރުންނާއި ސިޔާސީ ފަރާތްތަކުން ލޮކްޑައުން ތެރޭގައި ހެދިފައިވާ ގަވާއިދުތަކާއި ހިލާފަށް ޗުއްޓީއަށް ދިއުމާއެކު އެގައުމުގެ ރައްޔިތުންވަނީ މިކަމާ ރުޅިގަދަވެ، ދެކޮޅަށް ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަޑުއުފުލާފަ އެވެ. އެއްބަޔަކު ބުނެފައި ވަނީ ވެރިންގެ ބަސްއަހައިގެން ގާނޫނާއި ގަވާއިދަށް ބޯލަނބައި ގޭގައި މަޑުކޮށްގެން ތިބީ ކޮވިޑުން އަވަހަށް ސަލާމަތްވުމަށް ކަމަށާއި، ކޮވިޑަކީ ހަމައެކަނި އާންމު ރައްޔަތުންނަށް ޖެހޭ އެއްޗެއް ތޯ ސުވާލުކޮށްފަ އެވެ.

އެހެން މީހަކު ބުނެފައިވަނީ އޭނާގެ ތިން ދަރިން ގޮވައިގެން ޗުއްޓީއަށް ދިޔުމަށް ޓިކެޓް ނަގައި ހުރިހާ ހަރަދެއްކުރުމަށް ފަހު ވެސް ދަތުރު ކެންސަލްކުރީ އެގޮތަށް އެކަން ނުކުރުމަށް ސަރުކާރުން އެންގުމުން ކަމަށާއި، ސަރުކާރުގެ އެންގުންތަކަށް ބޯލަނބަން ޖެހެނީ ހަމައެކަނި ނިކަމެތި ރައްޔިތުންތޯ ސުވާލުކޮށްފަ އެވެ.

ޗުއްޓީގައި ރައްޔަތުންނާއެކު ގޭގައި ހުންނެވިކަމަށް ދެއްކުމަށް ޓްރީޓްކުރެއްވި ފޮޓޯ

މިކަމާއި ގުޅިގެން ގައުމުން ބޭރަށް ދިޔަ ގިނަ ބަޔަކު ވަނީ މާފަށް އެދިފަ އެވެ. އަދި އެއްބަޔަކު ވަނީ މަގާމުން އިސްތިއުފާ ވެސް ދީފަ އެވެ. މީގެ ތެރޭގައި ކެނެޑާގެ އޮންޓޯރިއޯގެ ފިނޭންސް މިނިސްޓަރު ރޮޑް ޕިލިޕްސް ހިމެނެ އެވެ.

ޕިލިޕްސް ވަނީ ރައްޔަތުންނާއެކު ގޭގައި ހުންނެވިކަން ދައްކަން ކުރިން ގޭގައި ހުރެ ރިކޯޑް ކޮށްފައި އިން މެސެޖެއް ޓުވިޓާގައި ޗުއްޓީއަށް ކެރީބިއަން ރިސޯޓް ރަށެއްގައި ހުންނަވަމުން ޕޯސްޓް ކޮށްފަ އެވެ. އަދި މި ވީޑިއޯގައި މި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މިކަމާ އުޅެގެން ކަމަށާއި އަދި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ. އަދި ޗުއްޓީ ހަފްތާގައި ކުރިން ނަގާފައި ހުރި ފޮޓޯތައް ސޯސަލް މީޑިއާއަށް ލައި، ކެނެޑާގައި ހުރިކަން ދައްކަން ރައްޔަތުންނަށް އޮޅުވާލަން މަސައްކަތްކޮށްފަ އެވެ.

އެންމެފަހުން މިނިސްޓަރު ޗުއްޓީއަށް ދިޔަކަން ފަޅާއަރައި ގިނަ ބަޔަކު ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާފަ އެވެ.

ޕިލިޕްސް ކުރިމަތިވި ޕްރެޝަރާހެދި ރައްޔިތުންގެ ކިބައިން މާފަށް އެދި މަގާމުން އިސްތިއުފާ ދީފަ އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކެނެޑާއިން ވަނީ 8125 ކޮވިޑް އައު ކޭސް ރިޕޯޓްކޮށްފަ އެވެ. މުޅި ޖުމްލަ ކެނެޑާއިން ވަނީ 659،006 ކޮވިޑް ކޭސް ރިކޯޑް ކުރެވިފަ އެވެ. އަދި މި ރޯގާގާއި 16933 މީހުން ވަނީ މަރުވެފަ އެވެ. - ސީއެންއެން