ޓައިޓޭނިކް ބަލައިލުމަށް ޓޫރިސްޓުން ގޮވައިގެން ފީނި ސަބްމާސިބްލް އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ގެއްލުމުން އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށް އެބަދެ އެވެ.

ޓައިޓޭންގެ ނަމުން ނަން ދެވިފައިވާ ކުޑަ އުޅަނދު، އެ އުޅަނދުގެ ސަޕޯޓް ޝިޕް ކަމުގައިވާ ޕޯލާ ޕްރިންސާ ގުޅުން ކެނޑި، ޚަބަރެއް ނުވެ ގެއްލިފައި ވަނީ އެ އުޅަނދު އަޑިޔަށް ފީނިތާ ގާތްގަނޑަކަށް ގަޑިއަކާ ސާޅީސް ފަސް މިނިޓު ފަހުންނެވެ.

އެމެރިކާގެ ކޯސްޓު ގާޑުން އިއްޔެ ބުނި ގޮތުގައި އަންގާރަ ދުވަހު ޖީއެމްޓީން މެންދުރު 1.00 އާ ހަމަޔަށް، ގެއްލުނު އުޅަނދުގައި ހުންނާނީ 45 ގަޑިއިރު ނޭވާލެވޭ މިންވަރުގެ އޮކްސިޖަނެވެ.

އެމެރިކާ އާއި ކެނެޑާގެ ކޯސްޓުގާޑާއި އަމިއްލަ ކުންފުނިތަކުގެ އުޅަނދުތައް ހިމެނޭހެން ގެއްލުނު އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެއްވެސް އަލި މަގެއް ފެނިފައެއް ނުވެ އެވެ. އުޅަނދު ހޯދުމުގެ މަސައްކަތުގައި އަންގާރަ ދުވަހާ ހަމަޔަށް ކަނޑު އަޑީން 7،600 ކޮޑި މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށް އެމެރިކާގެ ކޯސްޓު ގާޑުން ބުންޏެވެ.

ޓައިޓޭނިކް ބެލުމަށް ޓުއަރިސްޓުންގެ ގޮތުގައި ގޮސް ގެއްލުނީ އިނގިރޭސި ވިލާތުގައި ދިރި އުޅޭ ޕާކިސްތާނުގެ އެންމެ ބޮޑު މަހުޖަން ކަމަށްވާ ޝަހްޒާދު ދާއޫދާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު ސުލައިމާނު ދާއޫދާއި އިނގިރޭސި ބިލިއަނަރެއް ކަމަށްވާ ހަމިޝް ހާޑިންގާއި ފަރަންސޭސި މަހުޖަނަކާއި ޓައިޓޭނިކް ބެލުމަށް ޓޫރިސްޓު ދަތުރު ރޭވި ކުންފުނީގެ ސީއީއޯ އެވެ.