މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ހިންގާ ބިިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ކޮމިޓީގެ ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް ރޭ ބާއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ އެއްވެސް ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ބިމާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް މި މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅައިފަ އެވެ.
މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022 ގަ އެވެ.
މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއް ނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.