ވެގްނާ ގްރޫޕަކީ ރަޝިޔާގެ ހަތިޔާރު އެޅި އަމިއްލަ ޖަމާއަތެކެވެ. ބުނެވޭ ގޮތުގައި މި ޖަމާއަތް އުފެއްދީ ރަޝިޔާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމުގައިވާ ދިމިތުރީ ޔުޓްކިން އެވެ.
ރަޝިޔާގެ ވިޔަފާރި ވެރިއެއް ކަމަށްވާ ޔެވްގެނީ ޕްރިގޯޒިން އަކީ މިހާރު މި ޖަމާއަތުގެ ލީޑަރެވެ. އަދި އެ ޖަމާއަތަށް ފައިސާ ޚަރަދު ކުރަނީ ވެސް އޭނާ ކަމަށް ވާހަކަ ދެކެވެ އެވެ. ޕްރިގޯޒިން އަކީ ރަޝީޔާގެ ރައީސް ލަޑީމިއާ ޕޫޓިން އާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ވަނަމެއްގެ ގޮތުގައި ޕޫޓިންގެ ކައްކާގެ ނަމުން ވެސް އޭނާޔަށް މުޚާތަބުކުރެވެ އެވެ.
ވެގްނާ ގުރޫޕްގެ ހަރަކާތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިޔަށްދެ އެވެ. އެގްރޫޕުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ރަޝިޔާގެ ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން ސީރިޔާ އާއި ލީބިޔާ އާއި ވެނެޒުއޭލާ އާއި މާލީ ފަދަ ގައުމުތަކުގައި ރަޝިޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް މިގްރޫޕުން ހަރަކާތްތެރިވި ކަމުގައި ތުހުމަތު ކުރެވޭ އެވެ.
ރަޝިޔާ ސިފައިން ޔުކުރޭނުގައި ކުރަމުން ގެންދާ ހަނގުރާމައިގައި ވެގްނާ ގޮރޫޕް ހިމެނިފައި ވަނީ ޚާއްސަ ރޯލެއް ކުޅޭ ބަޔަކަށެވެ. ޔުކްރޭނުގެ ސިޓީތައް ހިފުމުގައި ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއް ވެގްނާ އިން ރަޝިޔާ އަށް ހޯދާދީފައިވެ އެވެ. މި ޖަމާއަތުގައި ގާތްގަނޑަކަށް 50،000 މެންބަރުން ހަރަކާތްތެރިވާ ކަމަށް ބެލެވެ އެވެ.
ޔުކްރޭނުގެ ހަނގުރާމައިގައި ރައީސް ޕޫޓިން އަށް އެހީތެރިވަމުން ގެންދިޔަ ޖަމާއަތުން މި މަހުގެ 23 ވަނަ ދުވަހު ފެނުނީ ކުއްލިއަކަށް ރަޝިޔާގެ ތެރެއަށް ވަދެގަތް މަންޒަރެވެ. ސަބަބެއް ކަމަށް ބުނަމުން ގެންދިޔައީ ރަޝިޔާގެ ދިފާއީ ބާރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުމެވެ. އެ މީހުން ބުނަމުން ގެންދިޔައީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ އެންގުމަކަށް ވައިގެ ސިފައިން އެ ޖަމާއަތުގެ މަސްލަހަތުތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.
އެ ތުހުމަތުތަކާއެކު ކޮރަޕްޓު ވެރިން ދުރުކޮށް އިންސާފު ހޯދުމުގެ ނަމުގައި ފުރިހަމަ ހަތިޔާރާއި ޓޭންކްތަކާއެކު ފެށި ދަތުރުގައި ރަޝިޔާގެ މުހިންމު ދެ ސިޓީއެއްގެ ކޮންޓްރޯލު ހޯދި އެވެ. އެ މީހުން ކުރިޔަށް ދިޔައިރު މާބޮޑު ކުރިމަތިލުންތަކެއް ހިންގަމުން ދިޔަކަމަކަށް ނުވެ އެވެ. ވެގްނާ ގުރޫޕްގެ ލީޑަރު ބުނަމުން ގެންދިޔައީ ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސެރްގީ ޝޮއިގޫ މަގާމުން ދުރުކުރާނެ ކަމަށެވެ.
ވެގްނާ އިން ކުއްލިއަކަށް ރަޝިޔާގެ ވެރި ރަށް މޮސްކޯއާ ދިމާއަށް ބަރު ހަތިޔާރާއެކު ދަތުރު ފެށުމުން ރަޝިޔާގެ ލީޑަރަށް ކުއްލި ސިހުމެއް ލިބި ވަޑައިގެންނެވި ކަމަށް ބެލެވެ އެވެ. އެއާއެކު ގޮތަކަށް ގައުމާ މުޚާތަބުކުރައްވައި ޕޫޓިން ވިދާޅުވީ ރަޝިޔާގެ ގޮތުގައި ދެމި ހުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއްގެ ތެރޭގައި ވަނިކޮށް ގާތް މީހުން ބުރަކަށްޓަށް ފަހަތުން ވަޅި ހަރައިފި ކަމަށެވެ.
ޕޫޓިން އެ ތަގުރީރުގައި ވައުދުވެ ވަޑައިގެންނެވީ ގައުމާ އިދިކޮޅަށް ޣައްދާރުވާ މީހުންގެ ދުވަސް ދުއްވާލާނެ ކަމަށާއި ކުށްވެރިންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ. ހަމަ އެއާއެކު ވެގްނާ ގްރޫޕަށް ޕޫޓިން ގޮވާލެއްވީ އެމީހުންގެ ވެރިޔާ ދޫކޮށްލާފައި ކޭމްޕަށް އެނބުރި ދިއުމަށެވެ. ޕޫޓިންގެ ތަގުރީރަށް ފަހު ވެގްނާ ގުރޫޕާ ކުރިމަތިލުމަށް ރަޝިޔާގެ ނޭޝަނަލް ގާޑު ހަރަކާތްތެރިވެ ރައްޔިތުން ބޭރަށް ނުނިކުތުމަށް އެންގި އެވެ.
ރަޝިޔާގެ ނޭޝަނަލް ގާޑުން ވެގްނާ ގުރޫޕާ ދެކޮޅަށް ހަރަކާތްތެރިވާން ފެށުމާ އެކު ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައި ބައެއް ހަތިޔާރުތަކަށާއި މީހުނަށް ވެސް ގެއްލުންތަކެއް ލިބުނުކަމަށްވެ އެވެ. އެހެން ނަމަވެސް މާ ބޮޑު ކުރިމަތިލުމަކަށް ނުގޮސް، ލޭ އޮހޮރުވަން ބޭނުން ނޫން، ކަމަށް ބުނެ ވެގްނާ ގޮރޫޕް އައި ކޮޅަށް އަނބުރާލި އެވެ.
ގްރޫޕްގެ ލީޑަރު ޕްރިގާޒިން ވަނީ ރައީސް ޕޫޓިން އާއި ޑިފެންސް މިނިސްޓަރުގެ އަރިހުން މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާގެ ޖަމާއަތް ޔުކުރޭނުގައިވާ އެ މީހުންގެ މަރުކަޒަށް ދާން އެންގުމަށް ގަހު ޕްރިގޯޒިން ވަނީ ބެލަރޫސްއަށް ގޮސްފަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލު ކުޅުއްވީ ރައީސް ޕޫޓިންގެ އެދިވަޑައިގެންނެވުމަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ އެވެ.
ޕޫޓިން އެކޭ އެއްފަދައިން ލުކަޝެންކޯ އަކީ ވެސް ޕްރިގޯޒިންގެ ޚާއްސަ ރަހުމަތްތެރިއެކެވެ.
ރިޕޯޓުތައް ބުނާގޮތުން ޕްރިގޯޒިން މި ވަގުތު ވަނީ ބެލަރޫސްއަށް އަރުވާލެވި އެ ގައުމުގެ ހިމާޔަތް ދީފަ އެވެ. ބަދަލުގައި ރަޝިޔާއިން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސް އޭނާގެ ކުށަށް ވަނީ މައާފު ދީފަ އެވެ.
ވެގްނާ ގުރޫޕުގެ ބަޣާވާތަކީ ރަޝިޔާގެ ދިފާއީ ރޭވުންތެރިކަމާ މެދު ސުއާލު އުފެދުނު ކަމެއްކަމުގައި ވަނީ ވެފަ އެވެ. މީގެ އިތުރުން މި ޒަމާނުގެ ހަނގުރާމަތަކުގައި ކުލީ ސިފައިންގެ ދައުރާ މެދު އަލުން ވިސްނަން ޖެހުނު ކަމެއް ކަމުގައި ވެސް މިކަން ވެގެން ދާނެ އެވެ. މި ވަގުތަށް ފެންނަން އޮތް ގޮތުގައި ވެގްނާ ގްރޫޕްގެ ބަޣާވާތް ނިމި މަސްރަހު ވަނީ ހަމަޖެހިފަ އެވެ. އެހެނަސް އެކަމުން އުފެދުނު ނުތަނަވަސްކަން އަދި ފިލައިގެން ދާނެ ކަމަކަށް ނުބެލެވެ އެވެ.