ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި ބައްޕަ އަމީތާބް ބައްޗަންއާ އަޅާކިޔުމަކީ ލިބޭ ފަޚުރެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އަބީޝޭކް ބައްޗަން ބުނެފި އެވެ.

އަބީޝޭކް މިހެން ބުނެފައިވަނީ ފިލްމީ ދާއިރާގައި އޭނާ އުޅޭތާ 23 އަހަރު ފުރުމާ ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގަ އެވެ.

އަބީޝޭކް ބުނީ ބޮލީވުޑްގެ މެގަސްޓާރަކާ އޭނާ އަޅާކިޔާނީ ކޮންމެވެސް ކަމެއް އޭނާއަށް ރަނގަޅަށް ކުރެވޭތީ ކަމަށާއި އެއީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.

އަބީޝޭކް ފިލްމީ ދާއިރާއަށް ނުކުތީއްސުރެ އޭނާގެ ބައްޕައާ އަޅާކިޔަމުންދެ އެވެ. އެގޮތުން ބައްޕަ ފަދައިން ކާމިޔާބު ތަރިއަކަށް ނުވާތީ އަބީޝޭކަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އަބީޝޭކްް ބޮލީވުޑްއަށް ނުކުތީ 2000 ވަނަ އަހަރު ނުކުތް ފިލްމް "ރެފިއުޖީ"އިންނެވެ. އޭގެ ފަހުން އޭނާ އެކި ފިލްމުތަކުގައި ހަރަކާތްތެރިވި ނަމަވެސް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.

އަބީޝޭކް ވަނީ އޭނާގެ އިންޓަވިއުގައި ފިލްމީ ދާއިރާގެ މަސައްކަތްތަކާއި އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ދިނީ މައިންބަފައިންގެ އިތުރުން އަންހެނުން އައިޝްވާރްޔާ ބައްޗަން ކަމަށް އަބީޝޭކް ބުންޏެވެ.

އަބީޝޭކްއާއި އައިޝްވާރްޔާ 2007 ވަނަ އަހަރު ކައިވެނި ކުރިއިރު އެ ކައިވެންޏަށް 2011 ވަނަ އަހަރު ވަނީ ދަރިއަކު ލިބިފަ އެވެ. އެއީ އާރަދްޔާ ބައްޗަން އެވެ.