މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި އާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އާއްމުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިކަމާގުޅޭގޮތުން ބާއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގައި އޮންނާނެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ "ބިންވެރިޔާ" ސްކީމް އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022 ގަ އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއް ނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.