މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ ސްކީމަށް ކުރިމަތިލީ ފަރަތްތަކުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާއްމުކުރިިއިރު، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 15 އާއި ހަމައަށް އޮންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް 15،164 ފޯމު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ގޯތި ދޭނީ މިހާރު އިއުލާން ކޮށްފައިވާ 5000 ގޯތި ކަމަށް ވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިވަގުތަށް ގޯތި ލިބޭ 5،000 މީހުންގެ ލިސްޓު މިއަދު އާންމު ކުރުމަށްފަހު، ކުރިއަށް އޮތް ހަފްތާ އެއްގެ ތެރޭގައި ދާއިމީ ލިސްޓު އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ޝަކުވާތަކަށް ފަހު ދާއިމީ ލިސްޓު އާންމު ކުރާ އިރު ޝަރުތު ހަމަވާ މީހުންނަށް ލިބޭނެ ބިމުގެ މައުލޫމާތު ވެސް އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގޯއްޗާއި ފްލެޓަށް ޖުމްލަ 23،088 މީހުން ފޯމު ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އެއީ 19،857 މީހުން ކަމަށް އަސްލަމް ވިދާލުވި އެވެ. އެކަކު ނުވަތަ ދެމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން ވެސް ފޯމު ހުށަހަޅަފައިވާ ކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ މިހާރު ގޯތި ލިބޭ މީހުންގެ ލިސްޓުގައި ތިބި 10،314 މީހުންގެ ތެރެއިން މިވަގުތު ގޯތި ލިބޭ 5000 މީހުންގެ ލިސްޓު މިއަދު އާންމު ކުރަނެ ކަމަށެވެ.
ގޯތި ލިބޭ 5000 މީހުންނަކީ ކޮބައިކަމާ ޑިސްކޮލިފައިވި މީހުން ވެސް މިނިސްޓްރީގެ ޕޯޓަލް އިން ފެންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވީމާ ބާކީ ތިބި 9،544 މީހުންނަށް ގޯތި ލިބެނީ އަދި ފަހުންނެވެ. އަދި އެމީހުންނަށް ވެސް ގޯތި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަންގަފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް އަންގަވާފައި ވަނީ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ވެސް ގޯތި ލިބޭނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމު ކުރި ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އަންމު ކުރާނީ އަންނަ މަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެ ވެ.