މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ދެންމެ ގެޒެޓް ކޮށްފި އެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު ގެޒެޓް ކުރި ނަމަވެސް އަދި ލިސްޓު ލޯޑެއް ނުވެ އެވެ. ލިސްޓު ލޯޑް ނުވަނީ އެއްފަހަރާ ގިނަ ބަޔަކު ހުޅުވަން މަސައްކަތް ކުރާތީ އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް 15،164 ފޯމު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ގޯތި ދޭނީ މިހާރު އިއުލާން ކޮށްފައިވާ 5،000 ގޯތި ކަމަށެވެ.

ޖުމްލަ 23،088 މީހުން ފޯމު ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އެއީ 19،857 މީހުން ކަމަށް އަސްލަމް ވިދާލުވި އެވެ. އެކަކު ނުވަތަ ދެމީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އެކުވެގެން ވެސް ފޯމު ހުށަހަޅާފައިވާ ކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު ގޯތި ލިބޭ މީހުންގެ ލިސްޓުގައި ތިބި 10،314 މީހުންގެ ތެރެއިން މިވަގުތު ގޯތި ލިބޭ 5،000 މީހުންގެ ލިސްޓް މިއަދު އާންމު ކުރަނެ ކަމަށެވެ.

ގޯތި ލިބޭ 5000 މީހުންނަކީ ކޮބައިކަމާ ޑިސްކޮލިފައިވި މީހުން ވެސް މިނިސްޓްރީގެ ޕޯޓަލް އިން ފެންނާނެ ކަމަށް އަސްލަމް ވިދާލުވި އެވެ.

އެހެންވީމާ ބާކީ ތިބި 9544 މީހުންނަށް ގޯތި ލިބެނީ އަދި ފަހުންނެވެ. އަދި އެ މީހުންނަށް ވެސް ގޯތި ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަންގަފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އަންނަ މަހު 15 އާއި ހަމަ އަށް ވަނީ ހުޅުވާލާފަ އެވެ. އަދި އަންނަ ހަފްތާ ތެރޭގައި ދާއިމީ ލިސްޓެއް ނެރޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.