މާލެ ސަރަހައްދުން 5،000 ގޯތި ދިނީ ގޯއްޗަށް އެދުނުމީހުންގެ ދިރިއުޅުމުގެ ހާލަތު ނުބަލާ ކަމަށް ހައުސިންގ މިނިސްޓްރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބެލުމަށް ގޭގެއަށް ގޮސް ސާވޭ ކޮށްފައި ނުވާކަމަށެވެ.

"މިކަން ކުރުމަށް ގޭގެއަކަށް ނުދަން، ގަސްތުގައި ނުދިޔައީ ގޭގެއަށް، އެއީ ގޭގެއަށް ވިޒިޓް ކުރީމަ، ކުރީ ފަހަރުގެ ތަޖުރިބާއަކީ ގޭގެއަށް ދާއިރު، މީހުން ގޭގެއަށް ދާކަން އެނގުނީމަ އެ މީހާ ދައްކަން ބޭނުންވާ ތަނެއްގައި އެ މީހާ އުޅެނީ. އެއީކީ ކޮންމެހެން އިންސާފުވެރިކޮށް ކުރެވޭ ކަމެއްގެ ގޮތުގައި ނުއެއް ދެކެން،" އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް ލިސްޓު އެކުލަވާލުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން މީހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ޑީއެންއާރް، އެންއީޑީ،އެންސްޕާ އަދި ސިވިލް ސާވިސް ކޮމިޝަން، ޕެންޝަން އޮފީހުޑޭޓާތައް ނަގާފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ކޯޓުތަކުން ލިބެން ހުރި މައުލޫމާތުވެސް ނެގި ކަމަށްވެސް ވިދާޅުވި އެވެ.

މާލެ އިން ގޯއްޗަށް އެދި ހުށަހެޅި، 23،088 ތެރެއިން 19،858 ޝަރުތު ހަމަވާ ކަަމަށް އަސްލަމް ވިދާޅުވި އެވެ.

"ބާކީ މި ވަނީ ސިންގަލްކޮށާއި، ޖޮއިންޓްކޮށް 9،544 ފަރާތެއް، މިވަގުތަށް އަޅުގަނޑުމެންނަށް ދެވެން ހުރި ގޯތިތަކުގެ ތެރެެއިން، 7،784 ފަރާތަކީ ސިންގަލް އެޕްލިކެންޓްސް، އެއް ފޯމުގައި އެއް އެޕްލިކެންޓްސް، އޭގެ ތެރޭގައި އެބަތިބި ޖޮއިންޓް ވެވިދާނެ މީހުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިވަގުތު ގޯތި ދެވެން ނެތް ޝަރުތު ހަމަވާ 9،544 ފަރާތަކީ މިކަމަށް ޝަރުތު ހަމަވާ ބައެއް ކަމަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށްފަހު އެ ފުރުސަތު ބަންދުކޮށް ގިނަ ދުވަސްތަކެއް ނުވެ ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.