ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހިލޭ ގޯތި ލިބުނު ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފައިނޭންޝިއަލް ސްކީމެއް އަދި އެކުލަވާލާފައި ނުވާނެކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން 5,000 ގޯތި އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި، މާލީގޮތުން އެހާ ފުދުންތެރި ނޫން މީހުން ވެސް ހިނެމޭއިރު، އެމީހުންނަށް ލިބޭ ބިންތަކުގައި ގެދޮރު އެޅެމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އެއްވެސް ޕްލޭނެއް އެކުލަވާލާފައި ނުވާކަމަށެވެ.

އަސްލަމް ވިދާޅުވީ ބަޔަކަށް ބިންތަކެއް ދިނުމުން، އެ ބިންތަކުގައި ގެދޮރު ބިނާކުރާނެ ގޮތްތައް އެބަޔަކު ހޯދާނެކަމަށާއި، މާޒީގައިވެސް އެފަދަ ސްކީމްތަކާ ނުލާ ގެދޮރު ބިނާކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ގެދޮރު އިމާރާތްކުރާނެ ތަނެއް ލިބުނީމަ، އާންމުން ކޮންމެސް ގޮތެއް ހޯދައިގެން ގެދޮރު ބިނާކުރާ ކަމަށާއި އެއީ އަމިއްލަ ޒިންމާއެއް ކަމަށެވެ.

މާލެއިން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލުކުރައްވާ އަށް މެމްބަރަކަށާއި އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް ގޯތި ލިބިފައިވެ އެވެ. އަދި އަހްމަދު އަދީބާއި ޒިޔަތަށްވެސް ގޯތި ލިބިފައިވެ އެވެ.