މިދިޔަ ހަފުތާ ބަންދުގައި ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތް، ވެގްނާ ގުރޫޕުން ހިންގި ބަޣާވާތުގެ ކުރިމަތިލުންތަކުގައި މަރުވި ރަޝިޔާގެ ވައިގެ ސިފައިންގެ ޕައިލެޓުންނަށް ވްލަޑިމީރް ޕޫޓިން ތައުރީފު ކުރައްވައިފި އެވެ.
ވެގްނާ އިން ރަޝިޔާގެ މިލިޓަރީ އެއާކްރާފްޓްތަކަކަށް ހަމަލަދީ ވައްޓާލައިފައިވާ ކަމަށް ކުރިން ފެތުރުނު އަޑުތައް ކަށަވަރުކޮށް ދެއްވަމުން ޕޫޓިން ވިދާޅުވީ މަރުވި ޕައިލެޓުންނަކީ އަމިއްލަ ފުރާނައަށް ވުރެ ގައުމު އިސްކުރި ބަތަލުން ކަމަށެވެ.
ވެގްނާ ކުލީ ސިފައިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ރަޝިޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރޮސްޓޯވް-އޮން-ޑޮން އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް އެ ސިޓީގައި ހުރި ޔުކުރޭން ހަނގުރާމައިގެ މުހިންމު ހަނގުރާމަ މަތީ މަރުކަޒެއް އަތްދަށުލައިފަ އެވެ. އެއަށްފަހު ބޮޑު އަޝްކަރީ ގާފިލާއަކާ އެކު ވެގްނާ ގުރޫޕުން ވަނީ މޮސްކޯއާ 200 ވަރަކަށް ކިލޯމީޓަރަށް ކައިރިއަށް ގޮސްފަ އެވެ.
"އަމިއްލަޔަށް އިސްނަގައި ފުރާނައިން ގުރުބާންވެގެން ޕައިލެޓުން ދެއްކި ހިތްވަރުގެ ސަބަބުން ރަޝިޔާ ވަނީ ބޮޑު މައްސަލަ ގަނޑަކުންސަލާމަތް ވެފައި،" ވެގްނާގެ ބަޣާވާތް ނިމުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވާ ޕޫޓިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެ ކުރިމަތިލުމުގައި މަރުވީ ކިތައް ޕައިލެޓުން ކަމެއް ނުވަތަ ވެއްޓުނީ ކިތައް މަތިންދާބޯޓު ކަމެއް އެނގޭނެ ރަސްމީ ހިސާބުތަކެއް ނެތެވެ. ނުރަސްމީ ބައެއް ޗެނަލްތަކުން ތަފާތު އަދަދުތަކެއް ހާމަކުރެ އެވެ.
ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިންނަށް އަމާޒު ކުރައްވައި ޕޫޓިން ވިދާޅުވީ އެމީހުންގެ ތެރެއިން ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ކޮންޓްރެކްޓުގައި ސޮއިކުރަން ބޭނުން ނުވާ ފަރާތްތަކުން ބެލަރޫސްއަށް ދިއުން ނުވަތަ އާއިލާގެ ގާތަށް ގެއަށް ދިއުން ޚިޔާރުކުރުމަށެވެ.