މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަ ކަމެއް ނެތި ހައްގުވާ ފަރާތްތަކެއް ބެލުމެއް ނެތި ގޯތި ދީފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގާތް މީހުންނަށާއި ސަރުކާރުގެ ބޮޑުންނަށް ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް 15،164 ފޯމު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ގޯތި ދޭނީ މިހާރު އިއުލާން ކޮށްފައިވާ 5000 ގޯތި ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް މާލެ ސަރަހައްދުން ބިންތައް ދިނީ އެންމެ ހައްގުވާ ފަރާތްތައް ބެލުމެއް ނެތި ނަހަމަ ގޮތުގައި ބަހަލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިމެއް އޮތް ނަމަ އެ ބިމެއް ވަނީ އެއްވެސް އިންސަފެއް ނެތި ރައީސް ސޯލިހުގެ ގާތް މީހުންނަށާއި ސަރުކާރުގެ ބޮޑުންނަށް ބަހާލަފައި ކަމަަށް ޕީޕީއެމް އިން ބުނެ އެވެ.

ޕީޕީއެމް އިން މިހެން ބުނި އިރު މާލެއިން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއްޔެ އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލުކުރައްވާ އަށް މެމްބަރަކަށާއި އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް ގޯތި ލިބިވަޑައިގަންނަވަ އެވެ.

މިއަދު އާންމުކުރި ލިސްޓްގައި ވެރިކަން ކުރާ އެމްޑީޕީގެ ފަސް މެމްބަރަކާއި ސަރުކާރާ ދެކޮޅަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރަކާއި އެމްއެންޕީގެ މެމްބަރަކު ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް ވެސް ގޯތި ލިބޭ މީހުންގެ ލިސްޓްގައި ހިމެނިފައިވެ އެވެ.