ފޭކް ސެޓްފިކެޓެއް ހަދައިގެން ކަލާފާނު ސުކޫލްގެ ޓީޗަރަކަށް އުޅުނު އިންޑިއާ މީހާ ސަސްޕެންޑުކޮށްފި އެވެ.

ފޭކް ސެޓްފިކެޓެއް ހަދައި، އެ ވިއްކި މައްސަލާގައި އިންޑިއާ ފުލުހުން ވަނީ އެ މީހާ ހޯދަން ފަށައިފަ އެވެ. ހޯދަމުން އަންނަނީ ކެރެލާއަށް ނިސްބަތްވާ އަބިން ސީ ރާޖެވެ.

އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެހެން ނަމަވެސް މިއީ ސުކޫލް ޗުއްޓީ ދުވަސްވަރުކަމުން އޭނާ މިވަގުތު ހުރީ މާލެ އިން ބޭރުގަ އެވެ.

އެނގިފައިވާގޮތުގައި އޭނާ މަސައްކަތް ކުރަމުން އައީ ކަލާފާނު ސުކޫލުގެ ގްރޭޑު 9 ގެ އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގަ އެވެ.

އިންޑިއާ ފުލުހުން އޭނާ ހޯދަމުން އަންނަކަން ކަލާފާނު ސުކޫލަށް އެންގުމުން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އެކަން އަންގާފަ އެވެ. އަދި އޭނާ މިހާރު ވަނީ ސަސްޕެންޑު ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން މިހާރު ވަނީ އޭނާގެ ވޯކް ޕާމިޓް ވެސް ކެންސަލްކޮށްފަ އެވެ.

އޭނާގެ މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އަބިން ސީ ރާޖް ސައްހަ ނޫން ސެޓްފިކެޓް ވިއްކަމުން ދިޔައީ 200،000 ރުޕީސް އަށެވެ.

އޭނާގެ މައްސަލަ އިންޑިއާ ފުލުހުން ތަހުގީގުކުރަން ފެށީ އިންޑިއާގެ ކަލިންގާ ޔުނިވާސިޓީގެ ޑީގްރީ ސެޓްފިކެޓެއް ހަދައިދިނުމުންނެވެ. އަދި އެ ސެޓްފިކެޓް އޭނާ އެހެން މީހަކަށް ވިއްކާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.