1912 ވަނަ އަހަރު ކަނޑަށް ފެތުނު ޓައިޓޭނިކްގެ އަޑުގަދަވެފައިވާ މި ދުވަސްވަރު އެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހޮލީވުޑް ފިލްމް "ޓައިޓޭނިކް" ނެޓްފިލިކްސްގައި ސްޓްރީމް ކުރަން ހަމަޖެހިއްޖެ އެވެ.
އެގޮތުން މާދަމާއިން ފެށިގެން ނެޓްފްލިކްސްއިން މި ފިލްމު ބެލެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު މިއީ އެ ފިލްމް ނެޓްފްލިކްސްއަށް އަންނަ ދެވަނަ ފަހަރެވެ.
މީގެ ކުރިން ވެސް ޓައިޓޭނިކް ނެޓްފްލިކްސްއިން ބެލުނު ނަމަވެސް 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ނެޓްފްލިކްސްއިން ވަނީ އެ ފިލްމު ފިލްމުތަކުގެ ލިސްޓުން އުނިކޮށްފަ އެވެ.
ޓައިޓޭނިކް ބަލަން ކަނޑަށް ފޭބި ސަބްމެރިންއެއް ގެއްލި އެއިން ދަތުރުކުރި ފަސް މީހުން މަރުވެފައިވާ މި ދަނޑިވަޅުގައި ފިލްމު އަލުން ނެޓްފްލިކްސްއަށް ގެނައުމަކީ ވިޔަފާރި ފައިދާއަށްޓަކައި ކުރި ކަމެއް ކަމަށް ބުނެ ނެޓްފްލިކްސްއަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
އެހެން ނަމަވެސް އަނެއް ބަޔަކު އަންނަނީ މިއީ ޓައިޓޭނިކް ފިލްމު އަލުން ބަލާލަން ގިނަ ބަޔަކު ބޭނުން ވެފައިވާ ދަނޑިވަޅެއް ކަމަށާއި ނެޓްފްލިކްސްގެ އެ ނިންމުމުމުން އަންގައިދެނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެ ކުންފުނިން ބަލާ މިންވަރު ކަމަށް ބުނަމުންނެވެ.
ޖޭމްސް ކެމަރޮން ޑައިރެކްޓްކޮށް ލިއޮނާޑޯ ޑިކެޕްރިއޯއާއި ކޭޓް ވިންސްލެޓް މައި ރޯލުތަކުން ފެނިގެންދިޔަ 1997 ވަނަ އަހަރުގެ ޓައިޓޭނިކް ފިލްމަކީ ގިނަ ކާމިޔާބީތަކެއް ލިބުނު ފިލްމެކެވެ.