ދެކުނު ކޮރެއާގެ އުމުރު ގުނާ ނިޒާމުގެ ގާނޫނަކަށް ގެނެވުނު ބަދަލަކާއެކު އެގައުމުގެ ހުރިހާ ރައްޔިތުންގެ އުމުރު އެއް އަހަރު ހަގު ވެއްޖެ އެވެ.
މީގެ ކުރިން ދެކުނު ކޮރެއާގައި ބޭނުން ކުރެވުނީ އެގައުމުގެ އަމިއްލަ އުމުރު ގުނާ ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ކޮންމެ ކުއްޖަކު ވެސް އުފަންވާއިރު އެ ކުއްޖެއްގެ އުމުރުން އެއް އަހަރު ފުރިފައިވާ ކަމަށް ގުނެ އެވެ. އެއީ މައިމީހާގެ ބަނޑުގައި ކުއްޖާ ހޭދަކުރާ މުއްދަތާއެކީގަ އެވެ.
އޭގެ އިތުރުން އާއްމު އުސޫލާ ޚިލާފަށް އެ މީހެއްގެ އުފަން ދުވަހު އުމުރު ބޮޑު ވުމުގެ ބަދަލުގައި ކޮރެއާގެ އުމުރު ގުނާ ނިޒާމުގައި ވާ ގޮތުން ކޮންމެ މީހަކަށް ވެސް އަހަރެއް ފުރޭނީ މީލާދީ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ އެކެއްގަ އެވެ.
އެހެން ނަމަވެސް މި ނިޒާމަކީ ބައިނަލް އަގްވާމީ ގޮތުން ބަލާއިރު ފުށޫއަރާ ނިޒާމަކަށް ވެފައި އޮޅުންއަރާ ނިޒާމެއް ކަމުން އެ ގައުމުގެ ނެޝަނަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެ ނިޒާމު ދޫކޮށްލަން ނިންމާފަ އެވެ.
އެގޮތުގެ މަތިން މިދިޔަ ބުދަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ އުމުރު ގުނުމުގެ ނިޒާމަށް އަަމަލު ކުރަން ފަށާފައިވާއިރު މިކަމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ އުމުރުން އެއް އަހަރު ވަނީ އުނިވެފަ އެވެ. އެހެން ކަމުން މީގެ ކުރިން އުމުރުން 25 އަހަރުގެ މީހެއްގެ މިހާރުގެ އުމުރަކީ 24 އަހަރެވެ.
ދެކުނު ކޮރެއާއަކީ މިހާތަަނަށް ގިނަ ކަންކަމުގައި އެމީހުންގެ އަމިއްލަ ގަވާއިދެއް ގެންގުޅެމުން އައި ގައުމެއް ނަމަވެސް ރައީސް ޔޫން ސުކް ޔިއޯލްގެ ވައުދުފުޅާ އެއްގޮތަށް އެގައުމުން އަންނަނީ ބައިނަލްއަގްވާމީ ހަމަތަކަށް އަމަލު ކުރަން ފަށަމުންނެވެ.