ބޮޑު މިން 0.03 އިންޗިއަށްވުރެ ކުޑަ މިނިއޭޗާ އަތް ދަބަހެއް ނީލަމުގައި 63000 އެމެރިކާ ޑޮލަރަށް ވިކިއްޖެ އެވެ. މިއީ ހަނޑޫ ފުކަކަށް ވުރެ ވެސް ކުޑަ ދަބަހެކެވެ.
އިންސާނުންގެ ހަމަ ލޮލަށް ކިރިޔާ ފެންނަ ފްލޮރިޒަންޓް ރީނދޫ ކުލައިގެ އެ އަތް ދަބަހަކީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ލުއީ ވިޓޯންގެ ޑިޒައިނަކަށް ހަދާފައިވާ ދަބަހެއް ނަމަވެސް އެއީ އެއްވެސް ބްރޭންޑަކަށް ނިސްބަތްވާ ދަބަހެއް ނޫނެވެ.
މި ދަބަހާ ބެހޭ ގޮތުން އެ ދަބަސް އުފެއްދި އެމެރިކާގެ ކުންފުނިން ބުނީ މި ދަބަހަކީ ތިނޯހެއްގެ ވަދު ތެރެއިން ވެސް ދެވޭނެހާ ކުޑަ ލޮނު ފުކެއްގެ ބޮޑުމިން ހުންނަ ދަބަހެއް ކަމަށެވެ.
މި ދަބަސް އުފައްދާފައިވަނީ މައިކްރޯ ޕްލާސްޓިކް ތްރީ ޑީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. މައިކްރޯސްކޯޕަކުން ބަލާނަމަ ދަބަހުގެ މެދުގައި ލުއީ ވިޓޯންގެ ލޯގޯ ފެންނަން ހުރެ އެވެ.
ލުއީ ވިޓޯންގެ މި ޑިޒައިންގެ އަސްލު ދަބަސް ބާޒާރުގަވި އުޅެނީ 3100 ޑޮލަރާއި 4000 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް ހަބަރުތައް ބުނެ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ނީލަމުގައި މި ދަބަހަށް އެންމެ މަތީ އަގު ހުށައަޅާފައިވަނީ ކޮން ފަރާތަކުން ކަމެއް ނީލަން އިންތިޒާމް ކުރި ފަރާތްތަކުން އިއުލާން ކޮށްފައެއް ނުވެ އެވެ.