މާލޭގެ ވަޒަންވެރިންގެ ތެރެއިން މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ހިލޭ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ފުލެޓުތަކުގެ ކުލި ދެއްކުން ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށައިފި އެވެ.

މި މަޝްވަރާ ބައްދަލުވުން ފަށާފައިވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މީގެ ކުރިން ވެސް ގިނަ ހަރަކާތަކެއް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިންނެވެ.

މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުން އިއްޔެ ހިޔާ ޓަވަރު ހަތަރެއްގައި ވަނީ ބާއްވައިފަ އެވެ.

ދަ ކޮމަނާސްއިން ބުނީ ހުޅުމާލެ ފަދަ އަގު ބޮޑު ތަނަކުން ބިން ހިލޭ ދޫކުރަން ނިންމާ ލިސްޓް އާންމު ކުރިއިރު އަނެއް ބަޔަކު ކުލީގައި ދިރިއުޅެން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ހިޔާ ފްލެޓްތަކުން ކުލި ދެއްކުން ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އެ ފަރާތުން ބުނެ އެވެ. އަދި ހުރިހާ ޓަވަރުތަކަކުން ފްލެޓް ލިބުނު މީހުންނާ މި މަޝްވަރާ ކުރުމަށް ފަހު އެ ޖަމިއްޔާއިން ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ދަ ކޮމަނާސްއިން ބުންޏެވެ.

ހުޅުމާލެއިން ހިލޭ ގޯތި ދޭން ނިންމުމާ ގުޅިގެން ހިޔާ ފްލެޓްތަކުން ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ކުރަން ފަށާފައިވާއިރު ހަތްހާހެއްހާ ފްލެޓްގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 35 ޕަސެންޓް ފްލެޓުންނެވެ. އެއްގޮތަކަށް ވެސް ކުލި ނުދައްކާ ފްލެޓްތައް ވެސް އެބަ ހުއްޓެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު އޮތީ ގެޒެޓްކޮށްފަ އެވެ. މިހާރު ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތި ލިބޭ މީހުންގެ ނަން ހިމެނޭ ވަގުތީ ލިސްޓްގައި ހިމެނޭ މީހުންގެ އަދަދަކީ 10،314 މީހުންނެވެ.

ޝަރުތު ހަމަވި އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކުރުން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ގޯތި ލިބޭ މީހުންގެ ލިސްޓްގައި ވެސް ގިނައީ މާލޭގައި ބޮޑެތި ބިންތަކުގެ ވެރިންނެވެ. މާލެ ސަރަހައްދު އިންސާފުވެރި ގޮތެއްގައި ގޯތި ނުދެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.