މާލެ ސަރަހައްދުން ގްރޭޑް އެކަކަށް 2800އެއްހާ ކުދިން އަލަށް ސްކޫލަށް ވައްދާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހްސާން ވިދާޅުވީ، ގްރޭޑް 1އަށް ކުދިން ވެއްދުމަށް ހުޅުވާލި ފުރުސަތު ހަމަވީއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކަށް 2800އެއްހާ ކުދިން ވައްދާފައިވާކަމަށެވެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކެވެ. މީގެތެރެއިން އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލޭގެ ސްކޫލްތަކަށެވެ. އެގޮތުން މާލޭގެ ސްކޫލްތަކަށް އަލަށް 1400 ކުދިން ގްރޭޑް1އަށް ވައްދާފައިވާކަމަށާއި، ހުޅުމާލޭ ސްކޫލްތަކުގެ ގްރޭޑް1އަށް 790 ކުދިން އަދި ވިލިމާލޭގެ ސްކޫލަށް 86 ކުދިން ވައްދާފައިވާކަމަށް އިހްސާން ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ ދިރާސީ އައު އަހަރު އަލަށް ކިޔަވައިދޭން ފަށާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ސަލާހުއްދީން ސްކޫލަށްވެސް 500 ކުދިން ވައްދާފައިވާކަމަށްވެސް އިޙްސާން ވިދާޅުވި އެވެ.

ސަރުކާރު ސްކޫލްތަކަށް މިހާރު ޖާގަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ އެންމެ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ.

ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް އިހްސާން ވިދާޅުވި އެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުންނަށްކަމަށާއި، އެގޮތުން ބައެއް ސްކޫލްތަކުގައި މަގާމުތައް އުފައްދައި އެ މަގާމުތަަކށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާކަން އިޙްސާން ފާހަގަކުރެއްވި އެވެ.