ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ މަންޑަންނާ އާއި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ "އެނިމަލް" ޑިސެމްބަރުގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ރަންބީރާއި ރަޝްމިކާގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ތަރިންނެއް ހިމެނޭ "އެނިމަލް" ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މަޝްހޫރު ޑައިރެކްޓަރު ސަންދީޕް ރެޑީ ޑައިރެކްޓް ކޮށްފައިވާ މިފިލްމު ކުރިން ރިލީޒްކުރުމަށް ނިންމާފައި އޮތީ އަންނަ މަހުގެ 11 ދުވަހު އެވެ. އެހެން ނަމަވެސް ތާރީހު ފަސްކުރީ ފިލްމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކަމަށް ސަންދީޕް ވަނީ ބުނެފަ އެވެ.
"އެނިމަލް" ޑިސެމްބަރަށް ފަސްކުރި އިރު، އަންނަ މަހުގެ 11 އަށް ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ގަދަރު 2" އާއި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" ހިމެނެ އެވެ.
މީގެ އިތުރުން ކުރިން "އެނިމަލް" ރިލީޒްކުރުމަށް ނިންމާފައިވާ ތާރީހުގައި ރަންބީރުގެ އަންހެނުން ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮސް ސްޓޯން"ވެސް ނެޓްފްލިކްސްއިން ޕްރިމިއާކުރަން ވަނީ ނިންމާފަ އެވެ.
ސަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަބީރް ސިންގް" އެވެ.
އެނިމަލް އަކީ މިއަހަރުތެރޭ ނިކުންނަ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން، ބެލުންތެރިން އެންމެ އިންތިޒާރުކުރާ މަގުބޫލް ކަންވެސް ބޮޑު ފިލްމެކެވެ. ފިލްމުގައި ދައްކައިދެނީ ރަންބީރް ކަޕޫރް މީގެކުރިން ދުވަހަކުވެސް ނުކުޅޭ ރޯލެކެވެ. ފިލްމްގެ ޕްރީ ޓީޒާގައި ފެންނަނީ ރަންބީރް ކަޕޫރް ރަން މާސްކް އަޅައިގެން ތިބޭ ބަޔަކާ ކުރިމަތިލައި ތަޅާ މަންޒަރެކެވެ.