މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް 600 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކޮމިޓީ މެމްބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ލިސްޓާއި ގުޅިގެން މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ހުށައަޅާފައިވާ ޝަކުވާތަކުގައި، ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އަނަސް ވިދާޅުވި އެވެ.

މި ލިސްޓަށް ހުށަހަޅާފައިވާ ގިނަ ޝަކުވާ ތަކަކީ މައުލޫމާތު ސާފުކުރުމަށް ހުށަހަޅާފައިވާ ޝަކުވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބިންވެރިޔާ ސްކީމްގެ ގޯތި ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ 5000 މީހުންގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ.

މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު، މީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ 10،314 މީހުންނެވެ. އަދި މި މީހުންނަށް ގޯތި ލިބެނީ ކޮންތަނަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.