ފުވައްމުލަކު ގިރާ ސަރަހައްދުގެ ތޮށިލާން މަސައްކަތް ކުރާ ސަރަހައްދަށް އެތަނުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އައި ބާރެޖެއް ފަރަށް އަރައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު އިބްރާހީމް އަލީފް ވިދާޅުވީ ބާޖު ފަރަށް އަރާފައި ވަނީ މަސައްކަތް ކުރާ ސަރަހައްދުގައި ހޯގާޑް އިން މުދާ އެ ސަރަހައްދަށް ވައްދައި ނެރެ ހެދުމަށް ބޭނުންކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވައި އަރި އަޅައިގެން ކަމަށެވެ.

އަލީފް ވިދާޅުވީ ބާޖު ފަރަށް އަރާފައި ވަނީ މަސައްކަތް ކުރާ ސަރަހައްދުގައި ހޯގާޑުން މުދާ އެ ސަރަހައްދަށް ވައްދާ ނެރެ ހެދުމަށް ބޭނުންކުރަމުން އަންނަ ބަނދަރަށް ވަންނަތަނާ ދިމާލުގައި އޮއްވައި އަރިއަޅައިގެން ކަމަށެވެ.

"މިހާރު ބާޖު ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން،" އަލީފް ވިދާޅުވި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ ބިޔަ މަޝްރޫއަކީ ރާއްޖޭގެ ރަށެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަރްކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި އެ މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެ އެވެ. އަދި އެ މަސައްކަތް 606 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.