ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ހެޔޮއެދޭ ރަނގަޅު ރަހުމަތްތެރިން ބޭނުންވާނެ އެވެ. އެ މީހުންނަކީ ތިމާ ކޮންމެ ކަމަކު އެދުނަސް އެކަމެއް ތިމާއަށް ކޮށްދޭނެ މީހުންނެވެ. އެހެނަސް ތިމާގެ ހުރިހާ ރަހުމަތްތެރިންނަކީ ތިމާއަށް ހެޔޮއެދޭ މީހުން ކަމަށް ހީކޮށްގެން ނުވާނެ އެވެ.
ގެންގުޅޭ ރަހުމަތްތެރިންގެ ސަބަބުން ކައިވެނިތައް ރޫޅޭ މަންޒަރު މަދުން ނަމަވެސް ފެނެ އެވެ. ބައެއް ފަހަރު ބައިވެރިޔާ އަށްވުރެ ގިނައިން ރައްޓެހިންނާއެކު ބޭރަށް ގޮސް ނުވަތަ ފޯނުން ވާހަކަދައްކަން ހޭދަކުރާ ނަމަ އޭގެ ނޭދެވޭ އަސަރު ކައިވެންޏަށް ކުރާނެ އެވެ.
މީގެ އިތުރުން އެއް އުމުރެއްގެ ރައްޓެހިން ނަމަ ބައެއް ފަހަރު ކައިވެންޏާ ގުޅޭ މައްސަލަތަކުގައި ނުރަނގަޅު ނަސޭހަތް ދޭ ފަހަރު ވެސް އާދެ އެވެ. ސަބަބަކީ އެ މީހުންގެ އެވަރަށް ތަޖުރިބާ ނެތުމެވެ.
ރަހުމަތްތެރިންގެ ސަބަބުން ކައިވެންޏަށް ބުރޫ އެރިޔަ ނުދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައެޅުން ހިމެނެ އެވެ. މިސާލަކަށް ދެމަ؛ފިރިން ވެސް ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ރަހުމަތްތެރިންނާ ބައްދަލުކޮށްލާނެ ދުވަހެއް ކަނޑައެޅިދާނެ އެވެ.
ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދިނުމަކީ ކާމިޔާބުކަމާއެކު ކައިވެނީގައި ދެމިތިބުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމެވެ.