ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް 100އަށްވުރެ ގިނަ ދިވެހިން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ފުރަތަމަ ރަށް ކަމުގައިވާ ށ. ކޮމަންޑޫ އަށް މިއަދު ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު މީހުން ނޫޅޭ ކަމަށާއި ހަނގުރާމައަށް ގޮސް އުޅޭ ދިވެއްސަކު ނޫޅޭ ކަމަށް ނިމިދިޔަ ސަރުކާރުގައި ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެއީ ރާއްޖޭގައި އޮތް ކަމެއްކަން ގަބޫލުކޮށް، އިސްލާމް ދީނުމުގެ ސައްހަ އަގީދާ އަންގައިދިނުމުގެ މަސައްކަތް ފެށި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 100އަށް ވުރެ ގިނަ ދިވެހިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވާ ކަމަށެވެ. އަދި 70އަށް ވުރެ ގިނަ މީހުން ސީރިއާގައި މަރުވެއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމަ އިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށް މިއޮތް އޮގަސްޓް މަސް ނިމެންވާއިރަށް އެ އާއިލާތައް އަޅުގަނޑުމެން ރާއްޖެއަށް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ސީރިއާގައި މަރުވި މީހުންގެ އަދަދުތަކެއް ރައީސް ވިދާޅުވި ނަމަވެސް އެ އަދަދުތައް ހޯއްދެވި ގޮތެއް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.