މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވަޒީފާ އިން ވަކިކޮށް ދައުވާ އުފުލުމާއެކު، އިނގިރޭސިވިލާތުގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް މިދިޔަ މަހު އަނބުރާ ގެންދިއުމާ އެކު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ.

ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާ އެކު ރާއްޖެއިން ފުރައިގެން ދިޔައީ، ފެބްރުއަރީ 2021ގަ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ރޭޕްކުރަން އުޅުން
  • ޖިންސީ އަނިޔާކުރުން ޖިންސީ ގޯނާކުރުން
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން

އަލީ ވަހީދު ފުރައިގެން ދިޔުމުން ޝަރީއަތް ކުރިއަށް ނުގެންދެވި މިދިޔަ ދެ އަހަރު ދިގުލައިގެން ގޮސްފައިވަނިކޮށް، ހެކި ނެތް ކަމަށް ބުނެ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން މިދިޔަ މަހު 14 ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ވަނީ ބުނެފަ އެވެ. އެއާ އެކު، މިއަދު އޭނާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

އޭނާ ރާއްޖެ ވަޑައިގަަތުމަށް ހަމަޖެހިފައިވަނީ ޓާކިޝް އެއާލައިންސުންނެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލްކޮށްފައި ވަނީ 1:20ގަ އެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު، އެއާޕޯޓުގައި އަލީ ވަހީދު މީޑީއާތަކާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެންދަން ނިންމީ، ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެންނެވެ.