ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހޭ ވަރަށްވުރެ މާ ތަނަވަސް ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕް ފަދަ ތުހުމަތުތަކުގައި އުފުލި ދައުވާތަކުގައި ހެކިބަސް ދޭން ތިބި މީހުން މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން ދައުވާތައް އަނބުރާ ގެންދިއުމުން މިއަދު ރާއްޖެ ވަޑައިގެން އަލީ ވަހީދުވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އަދި ނޫސްވެރިއަކު ވަނީ، އޭނާ ކުރިން ރާއްޖެއިން ބޭރުގައި ހުރެގެން ރައީސް ޞާލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމަށް ކުރި ތުހުމަތު ތަކާއި ގުޅިގެން ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭރު އޭނާ ކުރި ތުހުމަތު ތަކަކީ ހަމައެކަނި "ސްމޯކް ސްކްރީން" އެއް ކަމަށެވެ. އަދި އެއީ އޭނާއަށް ކުރެވުނު ދައުވާ ތައް ކުރުމުގެ އަޑީގައި ތިބި ބައެއް ހޯދުމަށް ދެއްކި ވާހަކައެއް ކަމަށެވެ.

"މިދެންނެވީ އެއްނު ސްމޯކް ސްކްރީން އެކޭ. އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީން ކުރަން. ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 35 މިލިއަން ނަގާކަށް ނުޖެހޭނެ. އެއަށްވުރެ މާ ލިބޭ ބޭފުޅެއް އެއީ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ކުރިންވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ސެޕްޓްބަރު 2021ގައި އޮންލައިންކޮށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު އެމްއެމްޕީއާރްސީގެ ފައިސާއިން 35މިލިއަން ރުފިޔާ ނެގިކަމަށް ވިދާޅުވެފަ އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ އޭނާ ފްރޭމްކުރުމުގައި އިސްކޮށް އުޅުނީ ސަރުކާރުގެ ބޮޑުންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ރައީސް ސޯލިހުގެ އެއްވެސް އަތެއް ނެތްކަން ޔަގީންވާކަމަށެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގަަތީ މިއަދު މެންދުރު ފަހު 1:20ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ޓާކިޝް އެއާލައިންސްގެ ފްލައިޓަކުންނެވެ.