ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓު ގައެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ ބައްދަލުވުމުގައި އަލީ ވަހީދަށް ދިމާވި ކަންތައްތަކާ ގުޅޭގޮތުން ވާހަކަދެކެވިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އަނިޔާ ލިބުނު ކަމަށް ބުނާ މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެފައިވުމާއި ހެކިބަސްދޭން ތިބި މީހުން ވެސް ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެފައިވުމެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔުމުން މިދިޔަ ހަފުތާގެ ތެރޭގަ އެވެ.