ފަސް އަހަރުވަންދެން އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓި ނަމަވެސް ދެން އެއްވެ އުޅުމުގެ ހައްގު ނުހިފެއްޓޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރުގައި ރާއްޖޭގައި މުޒާހަރާ ކުރުން މަނާ ކުރާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވުމުންނެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ގުރުބާނީން ޙޯދާފައިވާ އަސާސީ ހައްޤެއް ކަމަށެވެ. މި ސަރުކާރުންވެސް އެ ހައްގު މި 5 އަހަރު ދުވަހު ހިފަަހައްޓާާާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އިތުރަކަށް ނުހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ، ދެން މުޒާހަރާ ކުރަން ޖާގައެއް ނުދޭނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ހަރަކާތް ހިންގަން ދެނެއް "ގަޔަށް ބޮލަށް އަރާ، ފެން އުކާ ވެލި އުކާކަށް ޖާގައެއް ނުދޭނެ" ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް ނުދޭނެ ކަމަށެވެ.

ރައީސް ސޯލިހު ބައެއް ރަަށްރަށަށް އަރާ ވަޑައިގަތުމުން ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ ދިއްގަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 3 މީހުން ހައްޔަރު ކޮށްފަ އެވެ.