ޕެސިފިކް ކަނޑު ހުރަސްކޮށް، އޮސްޓްރޭލިއާއަށް އެތެރެވި އެމެރިކާގެ ކޮތަރެއް ދިރޭ ނަސްލުތަކަށް ނުރައްކާވެދާނެތީ މަރާލަން ނިންމައިފި އެވެ.
ރިޕޯޓުތަކުން ބުނާގޮތުން މި ކޮތަރު ގެއްލިފައި ވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮރޭގަންގައި އޮތް ރޭހެއްގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ދެ މަސްދުވަސް ފަހުން ކޮތަރު ފެނިފައި ވަނީ އޮސްޓްރޭލިއާގެ މެލްބަން އަވަށުންނެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޖޯ ނަމަކަށް ކިޔާ މި ކޮތަރުގެ ސަބަބުން އޮސްޓްރޭލިއާގެ ދޫނީގެ އާބާދީއަށް ބަޔޯ ސެކިއުރިޓީ ނުރައްކާއެއް އެބައޮތް ކަމަށެވެ.
މި ކޮތަރު ހިފުމަށް ފަހު މަރާލުމަށް ވަނީ ނިންމާފަ އެވެ.
މެލްބަންގައި ދިރިއުޅޭ ކެވިން ސެލީ-ބާޑް ބުނި ގޮތުގައި އޭނާއަށް މި ކޮތަރު ފެނިފައިވަނީ ގޭގެ ފަހަތުގައި އޮންނަ ބަގީޗާގެ ތެރެއިންނެވެ.
އިންޓަނެޓުން ހޯދި ހޯދުމުން ކެވިން އަށް އެނގުނު ގޮތުގައި މި ދޫނި ރަޖިސްޓްރީ ކޮށްފައިވަނީ އަލަބަމާގެ މީހެއްގެ ނަންމަތީގަ އެވެ. އަދި އެންމެ ފަހުން ކޮތަރު ފެނިފައިވަނީ އޮރެގަންގައި ބޭއްވި ކޮތަރު ރޭހެއްގައި ކަން އެނގުނެވެ.
އޮސްޓްރޭލިއާގެ ނޫސްތަކުގައި ޖޯ ފެނުނު ވާހަކަ ލިޔަން ފެށުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ކެވިންއަށް ގުޅައި، އެ ކޮތަރުގެ ފަރާތުން އިންފެކްޝަންއެއް ޖެހިފައި ހުރެދާނެ ކަމަށްބަލާ ސަމާލުވުމަށް އަންގާފަ އެވެ.
މި ކޮތަރު އަދި ހިފިފައި ނުވާއިރު ޑިޕާޓްމެންޓް އޮފް އެގްރިކަލްޗާއިން، ވޯޓާ އެންޑް ދަ އެންވާރަމަންޓުން ބުނެފައި ވަނީ އެހެން ދޫނިތަކަށް އިންފެކްޓް ވެދާނެ ކަމަށް ބަލައި އެ ކޮތަރު މަރާލަން ޖެހޭ ކަމަށެވެ.
މި ކޮތަރު 8،000 މޭލުގެ ރާސްތާއެއް ކަޑައްތު ކުރުމަށްފަހު އޮސްޓްރޭއަށް އައީ ކިހިނެތްކަން ސާފުނުވާ އިރު ބޮޑަށް ބެލެވެނީ ކާގޯ ބޯޓަކަށް އަރައިގެން އައީ ކަމަށެވެ.
އޮސްޓްރޭލިއާއަށް ކޮތަރު އެތެރެ ކުރުމަކީ މަނާކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ އުނދަގޫ އަދި އެތައް ހާސް ޑޮލަރެއް ހަރަދުވާ ކަމެކެވެ. އަދި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ވެސް އެމެރިކާއިން އޮސްޓްރޭލިއާއަށް ކޮތަރެއް އެތެރެކޮށްފައެއް ނުވެ އެވެ.
ޖޯ ކޮތަރަކީ އޮސްޓްރޭލިއާއަށް ޖަނަވާރު އެތެރެކުރުމަށް އޮންނަ ހަރުކަށި ގަވައިދުތަކުގައި ތާށިވި ފުރަތަމަ ޖަނަވާރެއް ނޫނެވެ.
މީގެ ކުރިން ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕް އާއި އޭނާގެ އޭރުގެ އަންހެނުން އެމްބާ ހާޑް އެ މީހުން ގެންގުޅޭ ކުއްތާތައް ޕްރައިވެޓް ޖެޓުން އޮސްޓްރޭލިއާއަށް އެތެރެކުރި މައްސަލާގައި މައާފަށް އެދެން ޖެހުނެވެ.