މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުވަތު ފޮނުއްވަމުން އެބަ ގެންދަވަ އެވެ.

އެ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަދި ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސާވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ އިޤްތިސާދީ، އިޖުތިމާއީ އަދި އެނޫން އެހެން ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށާއި، ޔުނިވާސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިން ވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.