ޔުކްރޭންގެ ބަނދަރުމަތީ ސިޓީ އޮޑެއްސާއަށް ރަޝިޔާ އިން އެންމެ ފަހުގެ ހައިޕަ ސޮނިކް މިސައިލް ހަމަލާ ދޭން ފެށުމާއެކު ޔުކްރޭންގެ އެއާ ޑިފެންސް ސިސްޓަމްގެ ބޭނުން ކެނޑިއްޖެ އެވެ.
އެމެރިކާއާއި ޔޫރަޕުން ޔުކްރޭންގައި ގާއިމްކޮށްދީފައިވާ އެންމެ ފަހުގެ އެއާ ޑިފެންސް ސިސްޓަމްތަކަށް ރޭކާ ވެސްލުމަކާ ނުލައި ރަޝިޔާގެ ސުޕަ ސޮނިކް މިސައިލްތައް އަންނަނީ އޮޑެއްސާގެ އަމާޒުތަކަށް ފޯރަމުންނެވެ.
ޔުކްރޭންގެ ދިފާއީ އިދާރާއިން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ރަޝިޔާގެ ކެލިބަ ކުރޫޒު މިސައިލްގެ ދޮޅަހަކަށް މިސައިލާއި އީރާނުގެ ބައެއް ޑްރޯންތަކެއް ވައްޓާލެވުނު ކަމަށް ވިއަސް ރަޝިޔާއިން ފަހުން ބޭނުންކުރަން ފެށި ޕީ-800 އޮނިކްސް މިސައިލާ ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވި އެވެ.
ޔުކްރޭނުން މިމަހު 17 ވަނަ ދުވަހު ކްރައިމިއާގެ ބްރިޖަށް ހަމަލަދިނުމާ ވިދިގެން ރަޝިޔާ އިން އަންނަނީ އޮޑެސާއަށް ވައިގެ މަގުން ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރަޝިޔާއިން ބުނާގޮތުގައި ހަމަލަ ދެނީ ކްރައިމިއާއަށް ހަމަލަ ދިނުމަށް ބޭނުންކުރާ ހަތިޔާރުހުރި ތަންތަނަށެވެ.
ޔުކްރެއިންގެ އެއާފޯސްގެ ތަރުޖަމާނެއް ކަމަށްވާ ޔޫރީ އިންހާޓް ބުނިގޮތުގައި އޮނިކްސް މިސައިލަކީ ޔުކްރޭނަށް ދިމާވެފައިވާ ބޮޑު ބިރެކެވެ. އޭގެ ސައިލްތަކަށް ގަޑިއަކު 2000 މޭލަށް އުދުހުމުގެ ބާރު ލިބިފައިވާއިރު ބިމުން ފެށިގެން އެންމެ 10 މީޓަރު މަތިން ވެސް އުދުހެ އެވެ. އެހެން ކަމުން ވައިގެ ދިފާއީ ނިޒާމުތަކަށް މިސައިލް ދެނެގަނެވޭ ގޮތެއް ނުވެ އެވެ. އޭގެ އިތުރުން މިސައިލް އުދުހިފައި ދާއިރު އޭގެ މިސްރާބު އެކި ގޮތަށް ބަދަލުކުރުމުގެ ކުޅަދާނަކަން ވެސް އެއަށް ލިބިފައިވެ އެވެ.
ޔުކްރޭންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވެސް ވަނީ އެގައުމަށް އިތުރު ވައިގެ ދިފާއީ ނިޒާމު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާ އާއި ޖަރުމަނުގެ އެންމެ ފަހުގެ ވައިގެ ދިފާއީ ނިޒާމު މިހާރު ވެސް ޔުކްރޭނުގައި އަންނަނީ ބޭނުން ކުރަމުންނެވެ.