ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު، ރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވައި، ރައީސްގެ ދެކަނބަލުން ވަނީ، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސާވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ، އިޖުތިމާއީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނާއި ޒުވާނުންނާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވި އެވެ. އަދި ޔުނިވާސިޓީއާއި ކޮލެޖުތަކާއި ސްކޫލްތަކުގެ ދަރިވަރުން ވެސް މި ބައްދަލުކުރުމުގައި ބައިވެރިވި އެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގަ އެވެ.