ބޮލީވުޑްގެ ކާމިޔާބު ވެޓަރަން އެކްޓަރު ޖާޔާ ބައްޗަން މަޝްހޫރު ވެފައިވަނީ އާއްމު ފެނިލުންތަކުގައި ރުޅިގަދަ ތަރިއެއްގެ ގޮތުގަ އެވެ.

އެގޮތުން މިފަހުން ވެސް މިވަނީ ނޫސްވެރިންތަކަކަށް ޖާޔާގެ ރުޅިގަނޑު އަމާޒުވެފަ އެވެ. މިފަހަރު އޭނާ ހިތްހަމަ ނުޖެހުން ފާޅުކުރީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ސްޓާ ސްކްރީނިންގެ ތެރެއިންނެވެ.

ސްކްރީނިންްއަށް ދިޔަ މަގުމަތީގައި ބައެއް ނޫސްވެރިން ވަނީ ޖާޔާގެ ފޮޓޯއަކަށް އެދި އޭނާގެ ފަހަތުން އަޑުގަދަކޮށް އޭނާގެ ނަމުން ގޮވަމުން ގޮސްފަ އެވެ.

މިކަމާ ރުޅިގަދަ ވެގެން ޖާޔާ ވަނީ އޭނާއަކީ ބީރު މީހެއް ނޫން ކަމަށާއި މަޑުން ސުވާލު ކުރިއަސް އަޑު އިވޭނެ ކަމަށް ބުނެ ނޫސްވެރިންނާ ދިމާއަށް ހަޅޭއްލަވައިގަނެފަ އެވެ.

ޖާޔާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކާހާނީ"ގެ ސްޓާ ސްކްރީނިންއަށް ގޮސްފައިވަނީ ދަރިން ކަމަށްވާ އަބީޝޭކް ބައްޗަންއާއި ޝްވެތާ ބައްޗަންއާ އެކުގަ އެވެ.

މިއީ ޖާޔާ ނޫސްވެރިންނާ ދިމާއަށް ހަޅޭއްލަވައިގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން ޖާޔާ ވަނީ ނޫސްވެރިންނާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.