ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީ ތަކަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ އަށް ލިބެމުން ނުދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައިސް ވިލިމާލެ ދާއިރަގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިންތިހާބީ އެޖެންޓް އުޝަމް ވިދާޅުވީ އިންތިހާބުތަކުގަ ކެމްޕެއިންކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށްވެސް ލިބެންޖެހޭ ކަމަށެވެ މާލޭގެ ހުސްބިންތަކުގައި ޕީޕީއެމްގެ ކެންޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ފުރުސަތު އެޕާޓީއަށް ލިބިފައި އެހެން ޕާޓީތަކަށް އެފުރުސަތު ނުދިނުމަކީ މާލެ ސިޓީ ކައުންސިލުން ވަރަށް ބޭއިންސާފުން ކުރާކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ އޮތީ ޕީޕީއެމް އަށެވެ. އުޝާމް އެފާހަގަ ކުރައްވަނީ މާލެ ހުޅުމާލެ ބްރިޖްއަށް އަރަންދާއިރު މާލޭ ބޮޑުތަކުރުފާނު މަގުގައި ބަހައްޓަފައި ހުންނަ ރައީސް ޔާމީންގެ ބޮޑު ޕޯސްޓަރަށެވެ.

ބޮޑުތަކުރުފަނު މަގުގައި ބްރިޖްކައިރީގައި ހުރި ރައީސް ޔާމީންގެ ބޮޑު ޕޯސްޓަރު

އުޝާމް ވިދާޅުވީ މިސަރުކާރުން ބޭއިންސާފުން ކުރާ ކަންކަމުގެ ވާހަކަ ޕީޕީއެމް އިން ތާއަބަދު ދައްކާއިރު، އެޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މާލޭ ސިޓީ ކައުންސިލުގެ އަމަލުތައްވެސް ހަމަ އެފަދައިން ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ ކަންބޮޑުވުމަކީ އެހެން ޕާޓީތަކަށް އެފުރުސަތު ނުދޭތީ ކަމަށެވެ.

އެމްއެންޕީގެ ކެމްޕެއިން ހަރަކާތެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަށް އެދި ސިޓީލައިގެން އުޅޭތާ 45 ދުވަސްވެއްޖެ ކަމަށާ ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި މިހަފްތާގަވެސް ސިޓީއެއް ލައިފި ކަމަށާ އަދި ހުއްދަ ނުލިބޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލަފަ އެވެ. ފުރުސަތު ހުޅުވާލާފައި އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.