އެފްރިކާ ނުވަތަ ޗައިނާ އިން ސުލަހައަށްޓަކައި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޔުކްރޭން ހަނގުރާމަ ހުއްޓުމުގެ ފުރުސަތު އެބައޮތް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން ވިދާޅުވެއްޖެ އެވެ. އެކަމަކު ޕޫޓިން ވިދާޅުވީ ޔުކުރެއިން އިން ރަޝިޔާއަށް ހަމަލަ ދެމުންގެންދާ އިރު ހަނގުރާމަ ހުއްޓާލުން ވާނީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
އެފްރިކާ ރަޝިޔާ ސަމިޓުގެ ތެރެއިން އެފްރިކާގެ ގައުމުތަކުގެ ލީޑަރުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށް އެފްރިކާ އިން ހުށަހަޅާ ޕްލޭނަށް އަމަލުކުރުމަށް ޕޫޓިންއަށް އިލްތިމާސް ކުރަމުންނެވެ. ސަމިޓުގެ ތެރެއިން ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި ޔުކްރޭނާއެކު ސުލްހައިގެ ވާހަކަ ދެއްކުން ރަޝިޔާ އިން އެއްވެސް އިރެއްގައި ހުއްޓައެއް ނުލަ އެވެ.
އެފްރިކާގެ ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިޔަސް ސައުތު އެފްރިކާގައި އޮންނަ ބްރިކްސް ސަމިޓަށް ވަޑައިނުގަންނަވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ބްރިކްސްއަކީ ބްރެޒިލާއި ރަޝިޔާ އާއި އިންޑިއާ އާއި ޗައިނާ އާއި ސައުތު އެފްރިކާގެ މައްޗަށް އެކުލެވިގެން ޖަމާއަތެކެވެ. ކްރެމްލިން އިން ކުރިން ބުނެފައި ވާގޮތުގައި މިފަހަރުގެ ބްރިކްސް ސަމިޓުގައި ރައީސް ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ ކޯލުގެ ޒަރީއާއިންނެވެ. ޕޫޓިން ވަޑައިނުގެންނެވި ކަމުގައި ވިޔަސް ރަޝިޔާގެ ޚާރިޖީ ވަޒީރު އެ ސަމިޓަށް ވަޑައިގަންނަވާނެ އެވެ.
ރަޝިޔާ - ޔުކްރޭންގެ މައްސަލަ ނިމުމަކަށް ގެނެވޭތޯ އެފްރިކާގެ ގައުމުތަކުން އިސް ނަގައިގެން މީގެ ކުރިން ހުށަހެޅި ސުލްހައިގެ ޕްލޭން ރަޝިޔާ އިން ވެސް ޔުކްރޭން އިން ވެސް ވަނީ ބަލައި ނުގަނެ ދޫކޮށްލާފަ އެވެ. ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ އެއްބަޔަކީ އެފްރިކާގެ ގައުމުތަކެވެ. އެ ގައުމުތަކަކީ ޔުކްރޭނާއި ރަޝިޔާގެ ގޮވާމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމުތަކެކެވެ.