ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒަރަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނެއްކާ ވެސް ހަމަޖައްސައިފި އެވެ.

ޖޭޕީ އިން މިއަދު ބޭއްވި އެޕާޓީގެ 159 ވަނަ ކައުންސިލްގައި އަލީ ވަހީދުގެ އިތުރުން ދެބޭފުޅަކު ވަނީ ގާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފަ އެވެ. އެއީ އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާ އެވެ.

އަލީ ވަހީދަކީ ކުރިން ވެސް ގާސިމްގެ ސްޕްޝަލް އެޑްވައިޒަރެކެވެ. އަދި އޭރު އަލީ ވަހީދު ހުންނެވީ ޖޭޕީގެ ރައީސްގެ ގޮތުގަ އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ވެސް އައްޔަން ކުރެއްވީ ޖޭޕީގެ ސްލޮޓެއްގަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭ ގޮތް ނުވެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވުމުން އަލުން ހުށަހެޅުމަށެވެ. ފަހުން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އޭގެ ފަހުން އިނގިރޭސި ވިލާތުގައި އުޅުއްވުމަށް ފަހު އަލީ ވަހީދު އެނބުރި ރާއްޖެ އައީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.