ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިޚާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސައިފި އެވެ.
އަލީ ވަހީދު ގާސިމްގެ އިންތިޚާބީ އެޖެންޓަކަށް ހަމަޖެއްސީ މިއަދު ޖޭޕީގެ މައި އޮފީސް މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް އިބްރާހީމް އެވެ.
ގާސިމް އިއްޔެ ވަނީ އޭނާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އަލީ ވަހީދު ހަމަޖައްސައިފަ އެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމްގެ އިންތިހާބީ އެޖެންޓްކަމާ ހަވާލުވި ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމްކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދަކީ ކުރިން ޖޭޕީގެ ރައީސް އެވެ. ނަމަވެސް ޖޭޕީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ޕާޓީގެ ރައީސްގެ މަގާމު ވަނީ އުވާލައިފަ އެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ވެސް އައްޔަން ކުރެއްވީ ޖޭޕީގެ ސްލޮޓެއްގަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަލީވަހީދު އޭގެ ފަހުން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންނެވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދައުލަތުން އަނބުރާ ގެންދިއުމުން މިދިޔަ މަހު އެވެ.