އަފްޣާނިސްތާނުގެ ވެރިކަން ކުރަމުން ގެންދާ ތާލިބާން ސަރުކާރުން އެގައުނުގެ އަންހެން ކުދިންނަށް ކިޔެވޭނެ އެންމެ މަތީ ގްރޭޑަކީ ތިން ވަނަ ކްލާސް ކަމަށް ކަނޑައަޅައިފި އެވެ. އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ގަވާއިދަކާ ގުޅިގެން ބައެއް ޕްރޮވިންސްތަކުގެ ޕްރިންސިޕަލުން ވަނީ އުމުރުން 10 އަހަރުން މަތީގެ އަންހެން ކުދިން ސްކޫލަށް ނުދެވޭ ގޮތަށް އަނބުރާ ފޮނުވާލައިފަ އެވެ.

މިދިޔަ އަހަރު ތާލިބާނުން ވަނީ އަންހެން ކުދިންނަށް އެންމެ މައްޗަށް ކިޔެވޭނެ ގްރޭޑަކީ ހަވަން ކުލާސް ކަމަށް ހަމަޖައްސައިފަ އެވެ. އެ ނިންމުން ބަދަލުކޮށް އުމުރުން 10 އަހަރަށް ވުރެ މަތީ ކުދިން ޕްރައިމަރީ ސްކޫލްތަކަށް ނުފޮނުވަން އެޑިއުކޭޝަން މިނިސްޓްރީ އިން މިހާރު ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.

އަފްޣާނިސްތާނު އެމެރިކާއާއި އީޔޫގެ އެހީތެރިކަމާއެކު ހިންގަމުން ގެންދިޔަ ސަރުކާރު 2021 ގައި ވެއްޓުމާއެކު ތާލިބާނުން ވަނީ އެ ގައުމުގެ ޔުނިވަސިޓީތަކަށް އަންހެން ކުދިން ދިއުން މަނާކޮށްފަ އެވެ. އޭގެ ފަހުން ކޮލެޖްތަކާއި ސެކަންޑަރީ ސްކޫލްތައް ވެސް ހުޅުވީ ހަމައެކަނި ފިރިހެން ކުދިންނަށެވެ.

އަފްުޣާނިސްތާނުގައި އޮތް ތާލިބާން ސަރުކާރަކީ ގައުމުގެ ދެބައިކޮޅަ އެއްބައި ކަމުގައިވާ އަންހެނުން ތައުލީމުން މަހުރޫމު ކުރުވާ މިވަގުތު ދުނިޔޭގައި އޮތް ހަމަ އެކަނި ސަރުކާރެވެ.

މިދިޔަ މަހު އދ. އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން ތާލިބާނުން އަންނަނީ އަންހެނުންގެ ހައްގުތައް އެކި ގޮތްގޮތުން އުނިކުރަމުންނެވެ. އޭގެ ތެރޭގައި ކިޔެވުމުގެ ހައްގާއި ވަޒީފާތަކަށް ދިއުން މަނާކުރުން ފަދަ ކަންތައް ހިމެނެ އެވެ.