ށ. މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މަތިކޮމަންޑޫ ބިން ހިއްކާ ނިމިފައިވާތީ މިއަދު އުކުޅަސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މަތިކޮމަންޑޫ އިން 16.7 ހެކްޓަރުގެ ބިން ވަހީ ހިއްކާފަ އެވެ.

މަތި ކޮމަންޑޫ ހިއްކާ، ކޮމަންޑޫއާއި ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖްގެ މަސައްކަތްވެސް އޯގަސްޓް މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ. ދެކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ތަރައްގީކުރުމަށްވަނީ ނިންމާފަ އެވެ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ 249.90 މިލިޔަން ރުފިޔާ ހަރަދުކޮށްގެންނެވެ.