ޖޮނީ ޑެޕްއޭ ބުނުމުން ގިނަ ބަޔަކަށް އޭނާ ސިފަވާނީ މަޝްހޫރު ފިލްމު ފްރެންޗައިޒް ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ "ކެޕްޓަން ޖެކް ސްޕެރޯ"ގެ ގޮތުގަ އެވެ.

ޕައިރެޓްސް އޮފް ދަ ކެރީބިއަން ގެ ގިނަ ފިލްމުތަކެއްގައި ޖޮނީ ކުޅެދީފައިވާ އެ ކެރެކްޓަަރަކީ ގިނަ ބައެއްގެ ލޯބި މިހާރު ވެސް ލިބިފައި އޮތް ކެރެކްޓަރެކެވެ.

އެހެން ނަމަވެސް ޖޮނީ ވަރަށް އަވަހަށް އެ ފިލްމު ފްރެންޗައިޒްއާ ދުރަށް ހިނގައިދާނެ ކަމަށް އަޑުތައް މިވަނީ އަރާފަ އެވެ. އެއީ އޭނާއަށް ހަމަ އެފަަދަ އެހެން ރޯލެއްގެ ފުރުސަތު ލިބުމުންނެވެ.

އެގޮތުން މަޝްހޫރު އެހެން ފިލްމު ފްރެންޗައިޒްއެއް ކަމަށްވާ ސްޓާ ވާޒް އިން ޖޮނީއަށް ޕައިރެޓެއްގެ ރޯލު ހުށައަޅާފައިވާ ކަމަށާއި އެހެން ކަމުން ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ ފިލްމުތަކުން އޭނާ ގެއްލިދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖޮނީއާއި ޕައިރެޓްސް އޮފް ދަ ކެރީބިއަން ފިލްމުތައް އުފައްދާ ޑިޒްނީއާ ދެމެދު ދިގު އެއްބަސްވުމެއް އޮތް ނަމަވެސް މިފަހުން ޖޮނީ ޑެޕްއާ ދެކޮޅަށް ކުރީގެ އަންހެނުން ކުރި ގެވެށި އަނިޔާގެ ދައުވާގެ ސަބަބުން ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފަ އެވެ.

އެ މައްސަލަ ގަނޑުގައި ޖޮނީއަށް ހޮލީވުޑުގެ ގިނަ ފުރުސަތުތަކެއް ގެއްލިފައިވާއިރު އަދިވެސް އެ ކަމުން އަރައިގަންނަން އޭނާއަށް އުނދަގޫތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.