ޓެރަރިސްޓް ޖަމާއަތަކާ ގުޅި ސީރީއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިއަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހައްޔަރު ކުރި 34 އަހަރުގެ ދިވެހި މީހާ ނޭޝަނަލް ރެއިޓެގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ތިން ވަނަ ދުވަހު ދޫކޮށްލަފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި ފުލުހުން މޮނިކޮން އަމުރުގެ ދަށޫން އޭނާގެ ކަންކަން ބަލާ މޮނީޓާ ކުރަމުންދާނެ ކަމަށެވެ.

އެ މީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ސީރިއާގެ ހަނގުރާމައަށްދިޔަ ގިނަ އަދަދެއްގެ ދިވެހިން މަރުވެފައި ވެސް ވެ އެވެ. އަދި އެ މީހުންގެ އަނބިންނާއި ޅަ ދަރިން ސީރިއާގައި ތާށިވެ ހާލުގައިޖެހިފައި ވެ އެވެ.

ސީރިއާގެ އިރު އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިން ކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ވެސް އާއްމުވެފައި ވެ އެވެ. އެ ލިސްޓުގައި 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާ ކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް، ބައިނަލްއަގުވާމީ މުޖުތަމައާއިއެކު ދިވެހި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރުމަށް ކ. ހިންމަފުށީގައި ވަނީ ޚާއްސަ މަރުކަޒެއް ގާއިމްކޮށްފަ އެވެ.