ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް މިއަދު ހުޅުވާލައިފި އެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅި އެވެ.

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅިއިރު ވެފައިވާ އިގުރާރުގައިވާ ގޮތުގެމަތިން އަމަލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 22 ގެ ނިޔަލަށެވެ.

އެ މިނިސްޓްރީން ފްލެޓް ލިސްޓު އިއުލާންކުރީ، ދެ ކޮޓަރި އަދި ތިން ކޮޓަރީީގެ އެޕާޓްމަންޓް ލިބޭ މީހުން ވަކިންނެވެ. އެގޮތުން، އެ މީހުންގެ ނަމާއި ދާއިމީ އެޑްރެސް އަދި އެޕާޓްމަންޓުގައި ބައިވެރިވާ މީހުންގެ އަދަދު ވެސް ހިމަނާފައިވެ އެވެ. ފްލެޓަށް ޝަރުތު ހަމަނުވާ ނަމަ ހަމަނުވި ސަބަބު ބުންޏަސް، އެއްވެސް މީހަކަށް ލިބުނު ޕޮއިންޓެއް ހާމައެއް ނުކުރެ އެވެ.