ގއ. ގެމަނަފުށި ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ އަރޭގައްތާގައި ރިސޯޓެއް ގާއިމް ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
އަރޭގައްތާގައި ރިސޯޓެއް ގާއިމްކުރަން ރައީސް ވައުދުވެވަޑައިގެންނެވީ މިރޭ ގެމަނަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ގެމަނަފުށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ދެވަނަ ދައުރެއްގައި ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންތައްތައް ވެސް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ގެމަނަފުށީ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއްް ގާއިމް ކުރުމާއި ކައުންސިލްގެ އިދާރާގެ އާ އިމާރާތެއް އަޅައިދެއްވާނެ ަކމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އެރަށުގައި ހައުސިން ޔުނިޓާއި 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދީ މަސް ކިރައި ރައްކާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
ގެމަނަފުށީ ރައްޔިތުން ބޭނުންވާ ކަންކަން ރައީސަށް ހުށަހެޅުމުގެ ފުރުސަތު މިރޭގެ ބައްދަލުވުމުގައި އޮތެވެ. އެގޮތުން ރައްޔިތުން އެދުނީ އެރަށުގެ ބިންހިއްކައިދިނުމަށެވެ. އެމަނިކުފާނު ވަނީ ރައްޔިތުން އެދުނުގޮތަށް އެރަށުގެ ބިން ހިއްކައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.