ރާއްޖެ ބައިނަލްއަގުވާމީ ފައިބާ ކޭބަލްއާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯސީއެމް-އައިއޭއެކްސް) ކޭބަލް އިފްތިތާހުކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ނިޒާމަކާ ރާއްޖެ ސީދާ މި ގުޅާލެވެނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ކޭބަލްއާއެކު އިފްތިތާހުވެގެން އެދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުންކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މިކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި، ކޭބަލް ވިއުގައާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމުގައި ވިދާޅުވި އެވެ. އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތް ދެވޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމާއި އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ފުޅާވެގެން ދިއުމަކީ ތިމާވެއްޓަށް ވެސް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އޯސީއެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އާ ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފާ ސްޕީޑް ލިބޭނެ އެވެ. މި ކޭބަލް ސިސްޓަމާއެކު ރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ގައުމުތަކާ ގުޅައިލެވޭނެ އެވެ.